ޅ. އަތޮޅުގެ ދެ ރަށެއްގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މި އޮޕަރޭޝަންތައް ހިންގާފައި ވަނީ ޅ. ނައިފަރާއި އެ އަތޮޅު އޮޅުވެލިފުށީގައެވެ.
މި އޮޕަރޭޝަންތަކުގެ ތެރެއިން ނައިފަރުގައި ހިންގި އޮޕަރޭޝަނަކީ، މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތި ގެންގުޅެ އަދި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސާއި ނައިފަރު ޕޮލިސް ގުޅިގެން މި މަހުގެ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުންޏެވެ.
ކޯޓު އަމުރެއްގެ ދަށުން އެ ރަށުގެ ގެއެއް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 13 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން ނައިފަރުން ހައްޔަރުކޮށްފައި ވަނީ ސޯސަންވިލާ/ ޅ. ނައިފަރު، ޙަސަން ހުޝާމު (35އ) އާއި، ކަދުވަލުގެ/ ޅ. ނައިފަރު، އާދަމް ނަޞީރު (32އ) އެވެ.
މީގެ އިތުރުން އޮޅުވެލިފުށީގައި ހިންގި އޮޕަރޭޝަނަކީ ވެސް އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މި މަހުގެ 13 ވަނަ ދުވަހު އޮޅުވެލިފުށި ޕޮލިހުން ހިންގި އޮޕަރޭޝަނެކެވެ.
އެ އޮޕަރޭޝަނުގައި ޝެހެނާޒްގެ/ ޅ. އޮޅުވެލިފުށި، މުޙައްމަދު އަފްރާޙް (28އ) އެ ރަށު މަގުމަތިން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތް ކަރުދާސްކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޙަސަން ހުޝާމު އަދި އާދަމް ނަޞީރު ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ. އަދި މުޙައްމަދު އަފްރާޙް އަށް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި ދެ މައްސަލަ ވެސް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



