ސިނަމާލެ ބްރިޖުގެ ހައިވޭގައި ރޭ ފަތިހު ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލްނުވެ، އެ ވަގުތު ހައިވޭގައި ޑިއުޓީ އަދާކުރަން ހުރި ފުލުހެއްގެ ގައިގައި ޖެހި ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ، ރޭގެ ފަތިހު 4:29 ހާއިރު ހިނގި މި ހާދިސާގައި ފުލުސްމީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާތީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށެވެ.
ނަމަވެސް ފުލުސް މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ. އަދި ބާރު ސްޕީޑުގައި ސައިކަލު ދުއްވި މީހާއާ ގުޅޭ މައުލޫމާތެއް ވެސް ހިއްސާކޮށްފައެއް ނުވެއެވެ.
މާލެއިން ހުޅުމާލެއަށް ބާރު ސްޕީޑުގައި ދުއްވި މި ސައިކަލް ހައިވޭގައި އެ ވަގުތު ތިބި ފުލުހުން ހުއްޓުވާފައިވާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
މި އެކްސިޑެންޓާ ގުޅިގެން ސައިކަލު ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ނުވާ ކަމަށާއި ފަހަތުގައި އިން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.




