ދިވެހި ރާއްޖެއިން ސްރީލަންކާއަށް ކަނޑައެޅުއްވި އާ ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހެއަށް އަރުވައިފި އެވެ.
އިމާދު ސަފީރުގެ ފަތްކޮޅު ސްރީލަންކާގެ ރައީސަށް އެރުވީ އިއްޔެ ހެނދުނު އެކަމަށް ޚާއްސަކޮށް ސްރީލަންގެ ރިޔާސީ ގެކޮޅުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.
ފަތްކޮޅު އެރުއްވުމަށް ފަހު ދެބޭފުޅުން ބޭއްވެވި ބައްދަލުކުރެއްވުމުގައި މަސްއޫދު އިމާދު ވިދާޅުވީ، ސްރީލަންކާއަކީ ހަމަ އެކަނި ރާއްޖޭގެ އިޖުތިމާއީ، އިގުތިޞާދީ ބައިވެރިއެއް ނޫންކަމަށާއި، ސްރީލަންކާއަކީ ދިވެހިންގެ ދެވަނަ ވަޒަންކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެގައުމުގެ ޒަމާންވީ ތާރީޚީ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ކެނޑިނޭޅި މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވިދާޅުވި އެވެ. ސަފީރު އިމާދުވަނީ ރައީސް ޑރ. މުއިއްޒާއި ޚާރިޖީ ވަޒީރު މޫސާ ޒަމީރާއި ދިވެހި ރައްޔިތުންގެ ނަމުގައި ސްރީލަންކާގެ ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެފަ އެވެ.
މި ބައްދަލުކުރެއްވުމުަގައި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހެ ވަނީ، މަސްއޫދު ދިވެހި ސަފީރުގެ މަގާމާއި ހަވާލުވެ، މަގާމުގެ ޒިންމާ އުފުއްލަވަން ފެއްޓެވުމާއި ގުޅިގެން މަސްއޫދަށް ތަހުނިޔާ ވިދާޅުވެ މަރުހަބާ ދަންނަވާފަ އެވެ. އަދި، މަސްއޫދުގެ ސަފީރުކަމުގެ ދައުރުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ. ސްރީލަންކާގެ ރައީސް ވަނީ އިމާދުގެ ދައުރުގައި ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ފުރިހަމަ އެއްބާރުލުން ސްރިލަންކާ ސަރުކާރުން ދޭނެކަމުގެ ޔަގީންކަންވެސް އިމާދަށް އަރުވާފަ އެވެ.




