ދިގު 35 ގަޑިއިރަށްފަހު ބަނޑުހައިހޫނުކަމުގެ ހަޅުތާލު ހުއްޓާލީ، އަވަށްޓެރިންނަށް މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ އެތައް އުނދަގުލެއް ކޮށްފައިވާ އަހްމަދު ފައިރިޝްގެ އުނދަގޫ ނުޖެހި، އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަތައް ރަނގަޅަށް ބަލާނެކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފު ދެއްވުމުން ކަމުގައި ބީއެމްއެލްގެ ހެޑް އޮފް މާކެޓިން އެންޑް ސްޓްރެޓެޖީ މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ފައިރިޝްގެ ފަރާތުން އޭނާގެ އާއިލާއަށް ޖެއްސުންކުރުމާއި ފުރައްސާރަކުރުން ބޮޑުވެ، ސައީދު ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ފެއްޓެވީ އިއްޔެއެވެ. އެގޮތަށް ނުކުންނަވަން މަޖުބޫރުވެވަޑައިގަތީ، ސައީދު ވިދާޅުވި ގޮތުގައި، ހުރިހާ މުއައްސަސާއަކަށް ވެސް އެ މައްސަލަ ހުށަހަޅައި އެއްވެސް ކުރިއެރުމެއް ނުލިބުމުންނެވެ.
އެގޮތުން ފުރަތަމަ އޭނާ އެ ހަޅުތާލު ހިންގެވީ ހެންވޭރު ޕޮލިސް ސްޓޭޝަން ތެރޭގައެވެ. ނަމަވެސް ފަހުން އެތަނުން އޭނާ ނެރުމުން ހެންވޭރުގައި ހަޅުތާލު ކުރެއްވުމަށްފަހު ފަހުން މާފަންނަށް ހަޅުތާލު ބަދަލު ކުރެއްވިއެވެ.
މިކަމާ ގުޅިގެން ފުލުހުން އިއްގެ ވަނީ ފައިރިޝް ހައްޔަރު ކޮށްފައެވެ. ނަމަވެސް އޭނާގެ އުނދަގޫ ދެން ނުޖެހޭނެކަމުގެ ޔަގީންކަން ނުލިބެނީސް ހަޅުތާލު ހުއްޓާނުލާނެ ކަމަށްބުނެ ސައީދު ވަނީ ރޭގައި ވެސް ހަޅުތާލު ކުރިއަށް ގެންގޮސްފައެވެ.
އެގޮތުން 35 ގަޑިއިރު ހަޅުތާލު ކުރިއަށްގެންދިޔުމަށްފަހު، މިއަދު ހެނދުނު 11:00 ހާއިރު އެ ހަޅުތާލު ނިންމާލައްވައި ސައީދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މައްސަލަ ރަނގަޅަށް ކުރިއަށްގެންދަވާނެކަމުގެ ޔަގީންކަން މިނިސްޓަރު އިހުސާންއާއި ޕީޖީގެ ފަރާތުން މިއަދު ލިބުމުން ކަމަށެވެ.
މީގެއިތުރުން ސައީދު ވިދާޅުވީ، ފައިރިޝްއާ ގުޅިގެން އިއްޔެއާ ހަމައަށް ކުރިން ލޮޖްކޮށްފައި ހުރި މައްސަލަތައް ކްލޯސްކޮށްފައި ހުރިކަމަށެވެ. އަދި އެ މައްސަލަތައް ވެސް އަލުން އޯޕަންކޮށް އޭގައި ހުރި ކަންބޮޑުވުންތައް ވެސް ބަލާނެކަމުގެ ޔަގީންކަން ދެއްވިކަމަށް ސައީދު ވިދާޅުވިއެވެ.



