އަންނަ ރަމަޟާންމަހުގެ ކުރިން ހުޅުމާލޭގައި އިތުރު 3 މިސްކިތެއް ހުޅުވުމަށް ތައްޔާރުވަމުންދާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގައި އަލަށް ހުޅުވުމަށް ތައްޔާރުވަމުންދާ 3 މިސްކިތެއް ހުޅުވަން ތައްޔާރުވަމުން އަންނަކަން މިނިސްޓަރު ހާމަކުރެއްވީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ހުޅުމާލޭގައި ހެޔޮ އެދޭ ފަރާތަކުން ބިނާކުރަމުން އަންނަ މަސްޖިދު މާޔާ އަންނަ ނޮވެންބަރު މަހު ރަސްމީކޮށް ހުޅުވުމަށް ދަނީ މަސައްކަތްކުރަމުންނެވެ. މަސްޖިދު މާޔާގެ އިތުރުން ހުޅުމާލެ ފޭސް 1 ގައި ހެޔޮ އެދޭ ފަރާތަކުން ބިނާކުރާ މަސްޖިދު ޢާއިޝާ (ރަޟިޔަﷲ ޢަންހާ) އާއި، ފޭސް 2 ގެ އަމާން އުދަރެސް ސަރަޙައްދުގައި ބިނާކުރާ މިސްކިތްވެސް އަންނަ ރަމަޟާން މަހުގެ ކުރިން ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ.
އަންނަ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ޖުމްލަ 14 މިސްކިތެއް ހުޅުވުމަށް މަސައްކަތްކުރައްވަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.



