މުންޑަކާއި ސޯޓެއް ލައިގެން ދިވެހީން ތޮށިގަނޑު ކައިރީ އަބަދު ދޮށި އެއްލަން ތިބެންވީތޯ ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް މިއަދު ސުވާލު ކުރައްވައިފިއެވެ.
ފަލާޙު މިހެން ވިދާޅުވީ، ރަސްމާލޭގައި މަޝްރޫއެއް ކުރިއަށް ގެންދަން ހަވާލުކޮށްފައިވާ ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ހުރިހާ ތަފުސީލުތަކެއް ހާމަކުރުމަށް ގޮވައިލައްވައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމް ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުންނެވެ.
އެގޮތުން ފަލާޙް ވިދާޅުވީ، ރަސްމާލޭގައި ތަރައްގީކުރާ ”މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ“ މަޝްރޫއަށް އިދިކޮޅުން ހުރަސް އަޅަނީ އަންނަ ރިޔާސީ އިންތިޚާބު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ކާމިޔާބުކުރެވޭނެކަން އެނގޭތީ ކަމަށެވެ.
މެންބަރު ފަލާޙް ވިދާޅުވީ މި އިންވެސްޓްމަންޓުގެ ސަބަބުން ކޮންމެ މަހަކު ކޮންމެ އަހަރަކު އެތައް މިލިއަން ޑޮލަރެއް ރާއްޖެ ވަންނާނެ ކަމަށް ފަލާޙް ވިދާޅުވިއެވެ.
”މިއަދު ވެސް އަޅުގަނޑުމެން މި ދައްކަނީ އަޅުގަނޑުމެންގެ ހުރި ދަތިތަކުގެ ވާހަކަ. ރައްޔިތުންނަށް ކަންކަން ކޮށްދިނުމުގައި އާމްދަނީ ލިބޭ ވަސީލަތްތައް މަދު ވާހަކަ. އަޅުގަނޑުމެން އަބަދު ތިބެންވީތޯ މުންޑުގަނޑަކާއި ސޯޓަކާ ލައިގެން މޫދަށް އެރި ދޮށި އެއްލަން؟ އެހެންތޯ އަޅުގަނޑުމެން ދިވެހި ރައްޔިތުން ތިބެންވީ؟“ މިއަދުގެ މަޖިލިސް ޖަލްސާގައި ބަހުސްކުރައްވަމުން ފަލާޙް ސުވާލު ކުރެއްވިއެވެ.
މީގެއިތުރުން، އެމްޑީޕީއަކީ އެއްވެސް މަޝްރޫއެއް ހިންގޭނެ ބައެއް ނޫންކަން ފާހަގަކުރައްވަމުން ފަލާޙް ވިދާޅުވީ އިިދިކޮޅުން ރަސްމާލެ މަޝްރޫއާ ދެކޮޅު ހަދާތީ ހިތާމަކުރައްވާ ކަމަށެވެ. އެކަމަކު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރަސްމާލެ މަޝްރޫއަށް ވަރަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެ، އެފަދަ މަޝްރޫއެއް ރާއްޖެ އައުމުން ލިބޭނެ ކުރިއެރުން ނަޝީދަށް އެނގިވަޑައިގަންނަވާ ކަމަށް ވެސް ފަލާޙް ވިދާޅުވިއެވެ.




1 Comment
މުހައްމަދު ނަޝީދައްކޯޗެއްއެގެނީ އޭނަޔަކީ އެއްޗެއްއެގިގެން ވާހަކަފަތުރާ މީހެއްނޫން ގޯނިބޭކަޑައަލީއަށްވެސް އެގޭނެ އެއައްވުރެ މާރަގަޅަށް ފަލާހުވެސް ނަޝީދުގެ ވާހަކަ ތިގޮތަށް ނުދައްކަވާ އރމްޑީޕީމީހުން އެގޮތަށް އެއުޅެނީ އޭނަގެބަހަށް