ލެބް ޓެކްނިޝަނުންނާއި ނަރުހުން އަދި ޑޮކްޓަރުން ވެސް ހިމެނޭހެން، ސިއްހީ ދާއިރާގެ ޓެކްނިކަލް މުވައްޒަފުންގެ ރޭގަނޑު ޑިއުޓީ އެލަވަންސް ކުޑަކޮށްފިއެވެ.
ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ، 2023 ވަނަ އަހަރުގެ މެއި މަހު ބޮޑުކުރި ފަހުން ފިނޭންސް މިނިސްޓްރީން އާންމުކުރި ޕޭ ފްރޭމްވޯކުގައި ވާގޮތުން ސިއްހީ ދާއިރާގައި ޝިފްޓު އުސޫލުން މަސައްކަތްކުރާނަމަ ރޭގަނޑު ޑިއުޓީއަށް 100 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ނަމަވެސް މިދިޔަ އޮގަސްޓު މަހު ޕޭ ފްރޭމްވޯކަށް ގެނައި ބަދަލާއެކު، ރޭގަނޑު 12 އިން ހެނދުނު 6:00 އާ ހަމައަށް މަސައްކަތްކުރާ ދުވަސްތަކަށް ދެމުން އައި 100 ރުފިޔާ ގެ އެލަވަންސް، 60 ރުފިޔާއަށް ވަނީ ދަށްކޮށްފައެވެ. އަދި ހެނދުނު 6 ޖެހުމާއި ރޭގަނޑު 12 އާ ދެމެދު މަސައްކަތްކުރާ ދުވަސްތަކަށް، ކުރިއެކޭ އެއްގޮތަށް މިހާރުވެސް 40 ރުފިޔާ ދެއެވެ.
އެނގިފައިވާ ގޮތިގައި، ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ލެބް ޓެކްނިޝަނުން ވެސް ހިމެނޭހެން މުޅި ސިއްހީ ދާއިރާގެ ޕޭ ފްރޭމްވޯކަށް ގެނެވުނު މި ބަދަލާއެކު މިދިޔަ ސެޕްޓެމްބަރު މަހުގެ މުސާރަ ދީފައިވަނީ ރޭގަނޑު ޝިފްޓު އެލަވެންސް ކުޑަކޮށްފައެވެ.
މިކަމާ ގުޅިގެން ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ނުރުހުން ފާޅުކުރަމުންދާއިރު، ރޭގަނޑު ޝިފްޓުގައި އާންމުކޮށް މަސައްކަތްކުރާ މުވައްޒަފުން މަދުވެފައި އެގަޑީ ބަލަންޖެހޭ ބަލިމީހުންވެސް ވަކި މަދު ނޫންކަމުން، އެގަޑީ ކުރާ މަސައްކަތަށް 100 ރުފިޔާއަކީ ބޮޑު އެއްޗެއް ނޫންކަމަށް ބުނެއެވެ.



