ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް، މާލެ ސަރަހައްދުވެސް ހިމެނޭހެން ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދުވެސް ހުދު ސަމާލު ނެރެފިއެވެ.
މިދުވަސްކޮޅު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި މާލެ ސަރަހައްދަށް ރޭގައި ވެސް ވަނީ ވަރަށް ބޯކޮށް ވާރޭވެހި ގިނަ މަގުތަކެއްގައި ފެން ބޮޑުވެފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން އިއްޔެ ވެސް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރުނެވެ. އަދި ރޭގައި ވަނީ މާލެ ސަރަހައްދަށް އޮރެންޖު ސަމާލުވެސް ނެރެފައެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ހުދު ސަމާލު ނެރެފައިވަނީ މިއަދު ހަވީރު 3:30 އިން މިރޭ 9:00 އާ ހަމައަށެވެ. ހުދު ސަމާލު ނެރުނީ ޅ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށެވެ.
މެޓް އޮފީހުން ބުނީ މި ސަރަހައްދުތަކުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.




