އަގުނުޖަހާތީ 17 ފިހާރައަކަށް އިކޮނޮމިކް މިނިސްޓްރީން ނޯޓިސް ދީފިއެވެ.
އެ މިނިސްޓްރީން މިއަދު ބުނީ، ވިއްކަން ބަހައްޓާ މުދަލުގައި އަގު ޖަހާފައި ހުރިތޯ ބެލުމަށް މިދިޔަ ހަފުތާގައި 34 ފިހާރައެއް ބަލައި ފާސްކޮށްފައިވާކަމަށެވެ.
އެގޮތުން މިމަހުގެ 15 އިން 20 އަށް ވިއްކަން ބަހައްޓާ މުދަލުގައި އަގު ޖެހިތޯ ޔަޤީންކުރުމަށް 34 ފިހާރައެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި މީގެތެރެއިން 17 ފިހާރައެއްގައި ޤާނޫނާއި އެއްގޮތަށް މުދަލުގައި އަގު ޖަހާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. އަދި ޤާނޫނާއި އެއްގޮތަށް އަގު ޖެހުމަށް އަންގާ ނޯޓިސް 17 ފިހާރައަކަށް ދީފައިވާކަމަށް ވެސް ބުނެފައިވެއެވެ.
ވިޔަފާރި ކުރާ ތަންތަނުގައި ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގައި މުދާ ގަންނަފަރާތްތަކަށް ސާފުކޮށް އެނގޭނޭހެން އަގު ޖަހާފައި ނުހުންނަކަމުގެ ޝަކުވާ ލިބެމުން ދާ ކަމަށާއި އެފަދަ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.



