މި ހަފްތާ ބަންދުގައި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ބުނެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުން ބުނީ، ހުކުރު ހޮނިހިރު މި ދެ ދުވަހުވެސް ރާާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިޖެހޭނީ، 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށާއި އެހެން އަތޮޅުތަކަށް ވައި ޖެހެމުންދާނީ، 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ، ހއ.އަތޮޅުން ފެށިގެން ބ.އަތޮޅަށާއި ޅ.އަތޮޅުން ފެށިގެން ލ.އަތޮޅަށް ހުދު ސަމާލު ނެރެފައެވެ. ހއ.އަތޮޅުން ފެށިގެން ބ.އަތޮޅަށް ހުދު ސަމާލު ނެރެފައިވަނީ، މިއަދު 14:00 އިން 20:00 އަށެވެ. އަދި ޅ.އަތޮޅުން ފެށިގެން ލ.އަތޮޅަށް ހުދު ސަމާލު ނެރެފައިވަނީ، 15:30 އިން ފެށިގެން 21:00 އަށެވެ. މި ވަގުތުތަކުގައި އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި، ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް މެޓު އޮފީހުން މައުލޫމާތުދެއެވެ.



