މަޝްހޫރު ދިވެހި ފިލްމީތަރި އައިޝަތު ރިޝްމީ ރަމީޒް އާއި ޗޮޕާޓް ކުންފުނީގެ ޑައިރެކްޓަރެއް ކަމަށްވާ މިހުސޯ އަބްދުއްސައްތާރު ކައިވެނިކޮށްފިއެވެ.
ރިޝްމީ އާއި މިހުސޯ ކައިވެނި ކުރިކަން އެ ދެމީހުން ހާމަކުރީ ރޭގައި އިންސްޓަގްރާމްގައި ހިއްސާ ކުރި ފޮޓޯތަކަކާއެކުގައެވެ.
އެ ދެމީހުންގެ ކައިވެނީގެ ޚަފްލާގައި އެމީހުންގެ އާއިލާއާއި ގާތް އެކުވެރިން ބައިވެރިވެފައިވެއެވެ.
ރިޝްމީއަކީ ފިލްމީ ދާއިރާގައި ހަރަކާތްތެރިވާން ފެށީއްސުރެ ބެލުންތެރިންގެ ތަރުހީބު އިންތިހާއަށް ލިބިފައިވާ ކުޅަދާނަ އެކްޓްރެސްއެއް އަދި ޑައިރެކްޓަރެއް ވެސް މެއެވެ.
އޭނާ ކުޅުނު ފާހަގަ ކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި 2014 ގައި ނެރުނު ”އިންސާނާ“، ”2015 ގައި ނެރުނު ”މިކޮއެ ބައްޕަ ބައޭ ބައޭ“ އަދި 2017 ގައި ނެރުނު ފިލްމު ”ވިޝްކާ“ ހިމެނެއެވެ.
އޭގެ ތެރެއިން ވިޝްކާގެ ރޯލަށް ރާއްޖޭން އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް ލިބި، ސާކް ފިލްމު ފެސްޓިވަލް 2017ގައި ވެސް އެންމެ މޮޅު އެކްސްޓްރެސްގެ އެވޯޑު ރިޝްމީއަށް ވަނީ ލިބިފައެވެ.



