އަވަށްޓެރި ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ކަނޑައެޅި އަޒުމާއި ތަސައްވަރުން އެ ޤައުމާއި ރާއްޖެއާ ދެމެދުގެ ގުޅުން އާ އުސްމިންތަކަކަށް ގެންދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ޕާކިސްތާންގެ ބޮޑުވަޒީރު ޝެހްބާޒްގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ”އެކްސް“ ގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ މިއީ ރާއްޖެ އާއި ޕާކިސްތާނުގެ ގުޅުމުގައި ވަރަށް ތާރީހީ އަދި މުހިންމު ދަނޑިވަޅެއް ކަމަށެވެ.
ދެ ގައުމުގެ ގުޅުން އާ ބާބަކަށް ވާސިލުވެ، އިގްތިސާދީ ގޮތުންނާއި އެހެނިހެން ދާއިރާތަކުން ދެ ގައުމުގެ ރައްޔިތުންނަށް ފައިދާކުރާނެ އާ ފުރުސަތުތައް ފަހިވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
”އަޅުގަނޑުމެންގެ އަޒުމު ވަރަށް ސާފު. އެއީ ދެ ގައުމުގެ ގުޅުން މީގެ ކުރިން ނުދެކޭފަދަ އުސްމިންތަކަކަށް ގެންގޮސް، މި ޒަމާންވީ އެކުވެރިކަން މާ ވަރުގަދަ އިގްތިސާދީ ފުރުސަތުތަކަކަށާއި ދެ ގައުމުގެ ރައްޔިތުންގެ ތަނަވަސްކަމާއި ހަގީގީ މަންފާ ލިބޭ ކަންކަމަށް ބަދަލުކުރުން،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން މި އާ ބާބުގެ އެންމެ މުހިންމު އެއް އަމާޒަކީ މިހާރު ދެ ގައުމުގެ ދެމެދުގައި ހިނގާ ގާތްގަނޑަކަށް 13 މިލިއަން ޑޮލަރުގެ ވިޔަފާރި، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި 200 މިލިއަން ޑޮލަރަށް ފުޅާކުރުމަށްވި އެއްބަސްވުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.



