އުމުރުން 22 އަހަރުގެ އަންހެނަކު ރޭޕް ކުރި މައްސަލައިގައި 9 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އަޕަރ ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގައި، ބަޔަކު 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް، 2026 އޮކްޓޫބަރު 20 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއްވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން މިއަދު ވިދާޅުވީ މި މައްސަލައިގެ ތުހުމަތިގައި 9 މީހަކު ވަނީ ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ ދިވެހި ފިރިހެނުންތަކެއް ކަމުގައި ވެސް ވިދާޅުވިއެވެ. ނަމަވެސް އެމީހުންގެ ވަނަވަރު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މީގެއިތުރުން، މި މައްސަލައިގެ ތަހުގީގަށް މާލެއިން ހާއްސަ ޓީމެއް ފޮނުވާ އެ ރަށުގައި މިހާރު ހަރަކާތްތެރި ވަމުންދާ ކަމުގައިވެސް ވިދާޅުވިއެވެ.
މި ތުހުމަތުތަކާ ގުޅިގެން، މި މައްސަލަ ފުލުހުން ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.
މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ހަތަރު ފިރިހެނަކު އެ އަންހެން މީހާ ގެސްޓްހައުސްއަކަށް ގެންދިޔަ ކަމަށާއި އޭނާއަށް ”ޕާޓީ ޑްރަގްސް“ ވެސް ދިން ކަމަށެވެ.
އަދި އޭނާގެ ރުހުމުގައި ހަތަރު މީހަކު އޭނާއާއެކު ޖިންސީ ގުޅުން ހިންގި ކަމަށާއި ފަހުން އިތުރު ބަޔަކުވެސް ގޮސް އޭނާއާއެކު ގަދަކަމުން ޖިންސީ ގުޅުން ހިންގާ ބޮޑެތި ޖިސްމާނީ އަނިޔާތަކެއް ދިން ކަމަށެވެ.
އޭގެ އިރުކޮޅެއްފަހުން އުމުރުން 18 އަހަރު ނުފުރޭ ދެ އަންހެން ކުއްޖަކު ވެސް އެތަނަށް ގެންގޮސް އެކުދިންނަށް ވެސް ޕާޓީ ޑްރަގްސް ދިން ކަމަށާއި އެކުދިންނާއެކު ވެސް ގަދަކަމުން ޖިންސީ ގުޅުން ހިންގިކަމަށް ސޯޝަލް މީޑިއާގެ އެ ޕޯސްޓުގައި ބުނެފައިވެއެވެ.



