ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން ވަގުތީގޮތުން މެދުކަނޑާލައިފި އެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ، ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލަން ޖެހުނީ އެ ސަހަރާގައި ވަޅުކޮނުމުން ކަށްވަޅުގައި 8 އިންޗި އާއި 9 އިންޗިއާ ދެމެދު ފެން ހުރުމުގެ ސަބަބުން ކަމަށެވެ.
އެހެންކަމުން މި ވަގުތަށް މީހުން ވަޅުލުން މާލެ އާސަހަރާއަށް ބަދަލުކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ. ނަމަވެސް ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލީ ކިހާ ދުވަހަކަށް ކަމެއް ކައުންސިލުން ބުނެފައެއް ނުވެއެވެ.
މިދިޔަ ތިން ދުވަހު މާލެ ސަރަހައްދަށް ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެންހެދިފައިވެ އެވެ. މާލެ ސަރަހައްދަށް ވިއްސާރަކޮށް މޫސުން އޮތް ދުވަސްވަރަކަށް ވުމުން ހުޅުމާލެ ސަހަރާގައި މީހުން ވަޅުލަން ފަށާނީ މޫސުން އަލިވުމުން ކަމަށް ބެލެވެއެވެ.



