މިދުވަސްކޮޅު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް މިއަދު ހަވީރު 5:00 އާ ހަމައަށެވެ.
މެޓް އޮފީހުން ބުނީ މި ސަރަހައްދުތަކުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވަރޭވެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް ވެސް ބުނެފައިވެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އެ އިދާރާއިން ބުނީ، އިންޑިއާގެ ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ތޫފާންގެ ސީދާ އަސަރެއް ރާއްޖެއަށް ނުކުރި ނަމަވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
މިދިޔަ ބުދަ ދުވަހުން ފެށިގެން ރާއްޖެއަށް މޫސުން ވަނީ ގޯސްވެފައެވެ. އަދި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ދަނީ ސަމާލުތައް ނެރެމުންނެވެ.
މިއަދު ލަފާކުރާގޮތަށް ބަލާއިރު ވައި ހުންނާނެ ކަމަށް ބެލެވެނީ ހުޅަނގުދެކުނާއި، ހުޅަނގުން، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.


