ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ބޯޑުގެ އިންތިޚާބު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ނިމިފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.
ލާމަރުކަޒީ ޤާނޫނުގައި އޮންނަ ގޮތުން އެލްޖީއޭގެ ބޯޑަށް 3 މެންބަރުން އިންތިޚާބު ކުރަންޖެހެއެވެ. އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރެއްގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރެވެ.
މި އިންތިޚާބާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އެލްޖީއޭގެ ޑިރެކްޓަރ ޢަބްދުﷲ ރަޝީދު ވިދާޅުވީ އިންތިޚާބީ މަޤާމުތަކަށް ހުޅުވާލުމުން ސިޓީ ކައުންސިލުގެ މެންބަރުންގެ ތެރެއިން ނަން ހުށަހެޅުއްވީ އެންމެ މެންބަރެއް ކަމަށެވެ. އެހެންވެ އެ މެންބަރު އެލްޖީއޭގެ ބޯޑަށް އިންތިޚާބު ވެފައިވާކަމަށް ވިދާޅުވިއެވެ. އެއީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފެވެ.
މި މަހުގެ 31 ވާ އަންނަ ހޮނިހިރު ދުވަހު ބާއްވަނީ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންގެ ތެރެއިން އައްޔަންކުރާ މެންބަރުންގެ އިންތިޚާބުކަން ފާހަގަކުރައްވައި ޢަބްދުﷲ ރަޝީދު ވިދާޅުވީ ވޯޓުލުން ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 4:00 އަށް ކަމަށެވެ. އަދި ވަގުތު ހަމަވާއިރު ކިޔޫގައި އިތުރު މީހުން ތިބިނަމަ ވޯޓުލުމުގެ ފުރުސަތު ދޭނެ ކަމަށްވެސް ވިދާޅުވިއެވެ.
”މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު 807 ފަރާތަކަށް ލިބިގެންވޭ. އޭގެ ތެރޭގައި ކައުންސިލްގެ 625 ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ 182 ރައީސުންނަށް ވޯޓުލުމުގެ ޙައްގު ލިބޭ. އެއީ 177 ރަށު ކައުންސިލާއި 5 ސިޓީ ކައުންސިލްގެ ޑަބްލިޔުޑީސީ،“ އެލްޖީއޭގެ ޑިރެކްޓަރ ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ.



