ދައުލަތުގެ ފައިސާއިން ”ބައެއް ބޭފުޅުން“ އަމިއްލައަށް މުއްސަނދިވީއިރު، މި ސަރުކާރުން ކުރަނީ އެފަދަ ބޭފުޅުން ބަނގުރޫޓުކޮށްލި މި ޤައުމުގެ އިޤްތިޞާދު ކޮޅަށް ޖެހުމުގެ މަސައްކަތްތައް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ޢަބްދުއްރަހީމް މިހެން ވިދާޅުވީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ހުށަހަޅައިފައިވާ ބިލާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ މެންބަރުން އުފެއްދެވި ސުވާލުތަކާ ގުޅިގެންނެވެ.
އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު މަމްދޫހު އެވެ. އޭނާ ހުށަހެޅުއްވި އެ ބިލުގައި އިސްލާހުގެންނަން އެދިފައި ވަނީ، ޓެކްސް ދައްކާ ފަރާތަކުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅަނީ، މީރާއިން ކަނޑައަޅައިފައިވާ އަދަދަކާ ގުޅިގެން ކަމަށްވާނަމަ، އެ މައްސަލައެއް އިސްތިއުނާފު ކުރެވޭނެ ގޮތާ ގުޅޭ ގޮތުންނެވެ.
އެގޮތުން އިސްތިއުނާފު ކުރެވޭނީ، މީރާއިން ކަނޑައަޅައިފައިވާ ޓެކުހުގެ އަދަދުގެ ތެރެއިން ޓެކްސް ދައްކާ ފަރާތުން ޓްރައިބިއުނަލްގައި އިސްތިއުނާފު ކުރާ އަދަދުގެ 50 ޕަސެންޓާ އެއްވަރުގެ އަދަދެއް މީރާއަށް ދައްކައި ޚަލާސް ކުރުމަށް ފަހުގައި ކަމަށް ލިޔެފައިވެއެވެ.
އެ ބިލުގެ ބަހުސްގައި އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ)އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވަނީ ރައްޔިތުންގެ އަތުން ނަގާ ޓެކްސް ފައިސާއިން ސަރުކާރުން ކުރާ ކަންކަމާ މެދު ސުވާލު އުފައްދަވައިފައެވެ. އެގޮތުން ކުޑޫ ވަނީ، ފައިސާއިން ކުރަން އުޅޭ ކަންކަމުގެ ވާހަކަ ދައްކާއިރު، ނުކުރެވި އޮތް ކަންކަމުގެ ވާހަކަ ދައްކަން ޖެހޭ ކަމަށް އޭނާ ވިދާޅުވެފައެވެ.
ކުޑޫއާއި ފިއްޓޭ ވެސް ވަނީ، ރައްޔިތުންނަށް އަސާސީ ބޭސް ނުލިބޭ ކަމަށާއި، ބޭސް ފަރުވާ ހޯދަން ދަތިވާ ކަމަށް ވިދާޅުވެފައެވެ. އަދި ފިއްޓޭ ވަނީ ޓެކްސްގެ ގާނޫނަށް އަވަސްއަވަހަށް ބަދަލު ގެންނަނަމަ ވިޔަފާރިވެރިންނާއި ރައްޔިތުންގެ އިތުބާރު ވެސް ގެއްލޭނެ ކަމަށް ވިދާޅުވެފައެވެ.
ފިއްޓޭގެ ވާހަކައަށް ފަހު ޢަބްދުއްރަހީމް ވަނީ، ދައުލަތުގެ ފައިސާއިން ސަރުކާރުން ކުރާ ކަންކަމާ ގުޅޭ ގޮތުން ރިޔާސަތަށް ވަރަށް ގިނައިން ސުވާލުތައް އަމާޒުކުރަމުންގެންދާކަން ފާހަގަކުރައްވައިފައެވެ. ނަމަވެސް އެއީ ރިޔާސަތުން ޖަވާބު ދޭން ޖެހޭ ސުވާލެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ޢަބްދުއްރަހީމް ވިދާޅުވިއެވެ.



