މިއަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވާން މިހާރުން ފެށިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ފަށައިފިއެވެ.
ކޮންމެ އަހަރަކުވެސް ނޮވެމްބަރު/ޑިސެމްބަރު މަހާ ދިމާކޮށް ރާއްޖެއަށް އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރެއެވެ.
އޭގެއިތުރުން ޑިސެމްބަރު މަހުގެ ޢުމްރާއަށް ފުރުމަށް ވެސް ރާއްޖެއިން ގިނަ އަދަދެއްގެ ޢުމްރާވެރިން އެދުވަސްކޮޅު ދަތުރުކުރެއެވެ.
އެހެންކަމުން އެ ދުވަސްތަކަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ކޮންމެ އަހަރަކުވެސް ބާރުބޮޑުވާ ދުވަސްތަކެކެވެ. މީހުން ގިނަވުމުގެ ސަބަބުން ތޮއްޖެހުމުގެ ފުރުސަތުވެސް ވަރަށް ބޮޑަށް އިތުރުވެއެވެ.
އެހެންކަމުން އެ ހާލަތު ކުޑަކުރުމަށާއި ވީއައިއޭގެ ޚިދުމަތްތައް އެއްވެސް ދަތިކަމަކާ ނުލައި ފޯރުކޮށްދިނުމަށް އެމްއޭސީއެލް އިން ވަނީ ޚާއްސަ ތައްޔާރީ ބައްދަލުވުމެއް މިއަދު ބާއްވާފައެވެ.
އެއާލައިން އޮޕަރޭޝަންސް ކޮމިޓީއާއެކު ބޭއްވި މި ބައްދަލުވުމުގައި އެއާޕޯޓުގެ އޮޕަރޭޝަނަލް ޓީމުގެ އިތުރުން އެމްއޭސީއެލްގެ އެމްޑީ އަދި ސީއީއޯ އިބްރާހިމް ޝަރީފު މުޙައްމަދު ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.
މި ބައްދަލުވުމުގައި، ކުރިއަށް އޮތް ޕީކް ސީޒަންގައި އެއާޕޯޓުގެ ޚިދުމަތް ފަސޭހަކަމާއެކު ކުރިއަށް ގެންދެވޭނެ ގޮތްތަކާމެދު ވަނީ އަލިއަޅުވާލާފައެވެ.



