ނޫސް މަޖައްލާތައް ރަޖިސްޓްރީ ކުރުމުގެ މުއްދަތު އަންނަ އަހަރުގެ ޖަނަވަރީ މަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން، (އެމްއެމްބީސީ) އިން ބުނެފިއެވެ.
އެކޮމިޝަނުން ކުރިން ފުރުސަތު ހުޅުވާލާފައިވަނީ، މިއަދުގެ ނިޔަލަށް ރީ-ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ދިނުމަށެވެ. އެހެންނަމަވެސް މިހާރުވަނީ، އެ މުއްދަތު އިތުރު 3 މަސް ދުވަހަށް އިތުރުކޮށްދީފައެވެ. އެހެންކަމުން މިހާރު ރީ-ރަޖިސްޓްރީ ކުރުމުގެ ސުންގަޑި 28 ޖަނަވަރީ 2027 ވާ ބުދަ ދުވަހުގެ ރޭގަނޑު 23:59 އަށް އިތުރުކޮށްފައިވާ ކަމަށް އެމްއެމްބީސީއިން ބުންޏެވެ.
އެތާރީޚުގެ ފަހުން ރީ-ރަޖިސްޓްރީ ނުކުރާ ނޫސް މަޖައްލާތަކުގެ ރަޖިސްޓްރީ، އައު ޤަވާއިދުގެ ދަށުން ބާތިލުވާނެއެވެ.
ރާއްޖޭގައި ހިންގަމުން އަންނަ ނޫސް މަޖައްލާތައް މީގެކުރިން ރަޖިސްޓްރީވާން ޖެހެނީ، އެއިރަކު އެމަސްއޫލިއްޔަތު ހަވާލުކޮށްފައި އޮންނަ ކަމަކާއި ގުޅޭ ވުޒާރާއެއްގައެވެ. ނަމަވެސް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ޤާނޫނާއެކު އެ ކޮމިޝަން އުފެދި، ނޫސްމަޖައްލާތައް ރަޖިސްޓްރީކޮށް ދަފްތަރު ބެލެހެއްޓުމުގެ ޒިންމާ އެކޮމިޝަނާ ވަނީ ހަވާލުކޮށްފައެވެ.
މިމަސައްކަތް ކުރުމަށް ރާއްޖޭގައި ހިންގާ ނޫސް މަޖައްލާތައް ރަޖިސްޓްރީ ކުރުމުގެ ޤަވާއިދެއް މީޑިއާ ކޮމިޝަނުން ވަނީ ޝާއިޢުކޮށްފައެވެ. މި ޤަވާއިދަކީ، ރާއްޖޭގައި ހިންގާ ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމާއި، ހިންގުމާއި، ނޫސް މަޖައްލާގެ ޚިދުމަތް ދިނުމުގެ އެންމެހައި އުސޫލުތައް ކަނޑައެޅުމަށް އެކުލަވާލާފައިވާ ޤަވާއިދެކެވެ.


