ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ނުުރައްކާތެރި މިންވަރަށް ވައި ނުސާފުވެ، ދުރު ފެންނަ މިންވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން މިއަދު ހާމަކޮށްފިއެވެ.
ވައިގެ ސާފުމިން ބަލާ މިންގަނޑުތަކުން ދައްކާ ގޮތުގައި، ވެރިރަށް މާލެ ސަރަހައްދުގައި ވައި ނުސާފުވުމުގެ މައްސަލަ ވަނީ އިތުރުވެފައެވެ.
އެގޮތުން މާލެ ސަރަހައްދުގެ ވައިގެ ތެރޭގައި ޕީއެމް 2.5 ހުރިއިރު މިއީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ އަހަރީ ގައިޑްލައިން އަށްވުރެ އިތުރު މިންވަރެކެވެ. އަދި މިއީ އާންމު ސިއްހަތަށް ނުރައްކާވެދާނެ ފަދަ މިންވަރެކެވެ.
ރާއްޖޭގެ އެހެން ސަރަހައްދުތަކާ އަޅާބަލާއިރު މިއަދު ވައިގެ ހާލަތު އެންމެ ރަނގަޅީ އައްޑޫ ސިޓީގައެވެ. ދެކުނުގެ އެހެން ހިސާބުތަކެކޭ އެއްފަދައިން އައްޑޫ ސިޓީގައި ވައިގެ ތެރޭގައި ދުންފުހުގެ އަސަރު ހުރީ، ނިސްބަތުން ދަށް މިންވަރެއްގައެވެ. ނަމަވެސް މެދުރާއްޖެތެރެއާއި އުތުރުގެ ގިނަ ރަށްތަކަށް ދަނީ، ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރަމުންނެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ވައިގެ ނުސާފުމިން (އެއަރ ކޮލެޓީ އިންޑެކްސް) ހުރި މިންވަރު:
* މާލެ ސަރަހައްދު- 119
* ށ.ފުނަދޫ – 94
* ދ.ކުޑަހުވަދޫ – 88
* ލ.ފޮނަދޫ – 77
* ފުވައްމަލަކު ސިޓީ – 60
* އައްޑޫ ސިޓީ – 56



