ވަގުތީ ބޭނުންތަކުގެ އިތުރުން ދެމެހެއްޓެނިވިގޮތެއްގައި ޤާބިލުކަން އިތުރުކުރުމާއި އެއްބާރުލުން ދިނުމުގައި ޤައުމީ މަސްލަހަތުތަކަށް އިޙްތިރާމްކުރެވި، ކޮންމެ މެންބަރު ޤައުމަކަށްވެސް އެޤައުމެއްގެ ތަރައްޤީގެ މިސްރާބު އަމިއްލައަށް ކަނޑައެޅުމުގެ އިޚުތިޔާރު އޮންނަންވާނެކަމަށް ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
އެންޓީގާ އެންޑް ބާބިޔުޑާގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި މިއަދު ކުރިއަށްދިޔަ އެގްޒެކެޓިވް ސެޝަން 2 ގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ލަތީފު ވަނީ ޤައުމީ ލަނޑުދަނޑިތަކަށް އިޙްތިރާމްކުރުމާއެކު އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ޤާބިލުކަން އަށަގެންނެވުމާއި، އަދި ކުރިމަތިވާ ގޮންޖެހުންތައް ޙައްލުކުރުމަށް އެންމެން ގުޅިގެން ޢަމަލީ ގޮތުން މަސައްކަތް ކުރެއްވުމަށް ގޮވާލައްވާފައެވެ.
އަދި މޫސުމީ ވިލުންތެރިކަމުން ފެށިގެން ޑިޖިޓަލް ޓްރާންސްފޮމޭޝަނާއި ހަމައަށް ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދުމަށްޓަކައި ތަޖުރިބާ ޙިއްޞާކުރުމާއި، ޢަމަލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި ގުޅިގެން ޙައްލުތައް ހޯދުމުގައި އެއްބާރުލުން އިތުރުކުރުމަށްވެސް ނައިބު ރައީސް ގޮވާލެއްވިއެވެ.
މީގެއިތުރުން، ކޮމަންވެލްތް ވަރުގަދަވުމަކީ ޤައުމުތަކުގެ އަމިއްލަ ބާރާއި ޤާބިލުކަމުގެ މައްޗަށް ބިނާވެ ކުރިއެރުމަށް މަގުފަހިކޮށްދޭ ޖަމާޢަތަކަށް ކޮމަންވެލްތްވުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.



