ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަދި ޔޫއެންގީއޭގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކޮށް ބަންދުކުރި މައްސަލަ ހައިކޯޓްގައި އިސްތިއުނާފްކޮށްފިއެވެ.
ޝާހިދުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރަން އިއްޔެ ހުށަހަޅާފައިވާކަން އެ ކޯޓުގެ ރެޖިސްޓްރީން ވެސް ދައްކައެވެ. ނަމަވެސް އެ މައްސަލަ ހައި ކޯޓުން ބަލައިގަތްކަން އަދި އެނގިފައެއް ނުވެއެވެ.
ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އަބްދުﷲ ޝާހިދު ހައްޔަރުކުރީ މި މަހުގެ 2 ވަނަ ދުވަހުގެ ރެއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ކޯޓުން ވަނީ އޭނާ 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ.
މި މައްސަލައިގައި ފުލުހުން ރޭގައި ވަނީ، އަބްދުﷲ ޝާހިދު މާލޭގައި ދިރިއުޅޭ ގެ ބަލައި ފާސްކޮށްފައެވެ. ނަމަވެސް އެކަމާ ބެހޭގޮތުން އެއްވެސް ތަފްސީލެއް ފުލުހުން އަދިއެއް ހާމައެއް ނުކުރެއެވެ.




