ކޮރަޕްޝަން ތަޙުޤީޤުކުރުމަށް އިންވެސްޓިގޭޓަރުން ނެތުމުގެ ދަތިކަން ޙައްލުކުރަން އަންނަ އަހަރު ރަސްމީކޮށް ޑިޕްލޮމާ ކޯހެއް ފެށުމަށް މޯލްޑިވްސް ނޭޝަނަލް އެންޓި-ކޮރަޕްޝަން އެކަޑަމީ (އެމްނާކާ) އިން ނިންމައިފިއެވެ.
މިކަމާ ގުޅިގެން އޭސީސީން ބުނީ، ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފަންނީގޮތުން ޤާބިލު އިންވެސްޓިގޭޓަރުން ލިބެން ނެތުމުގެ ސަބަބުން ކުރިމަތިވެފައިވާ އިންސާނީ ވަސީލަތުގެ ދަތިކަން ޙައްލުކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އެމްކިއުއޭއިން އެކްރެޑިޓްކޮށްފައިވާ ”ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން“ ކޯސް ފެށުމަށް ނިންމާފައިވާ ކަމަށެވެ.
ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވުމަށް އެޅިފައިވާ އެންމެ ބޮޑު އެއް ހުރަހަކީ މި ދާއިރާއަށް ޚާއްޞަވެގެން ތަމްރީނު ލިބިފައިވާ އިންވެސްޓިގޭޓަރުން މަދުވުން ކަމަށްވާއިރު، މި ހުސްކަން ފުރާލުމަކީ ދައުލަތުގެ ޢަދުލުގެ ނިޒާމަށާއި މުއައްސަސާތަކުގެ އިތުބާރު ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.
މި ކޯހާ ގުޅޭގޮތުން އެމްނާކާގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ޠައްޔިބު ވިދާޅުވީ، ރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް ފުރިހަމައަށް ތަޙުޤީޤު ކުރުމަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފަންނީގޮތުން ޤާބިލު، ތަމްރީނުވެފައިވާ އިންވެސްޓިގޭޓަރުން ލިބެން ނެތުން ކަމަށެވެ. އަދި އެމްނާކާއިން ފަށަން ތައްޔާރުވާ އެމްކިއުއޭ އެކްރެޑިޓެޑް ޑިޕްލޮމާ ކޯހަކީ މި ޤައުމީ ހުސްކަން ފުރާލައި، ބައިނަލްއަޤުވާމީ ފެންވަރުގެ ޒަމާނީ ހުނަރުތަކާއެކު އައު ޖީލެއްގެ އިންވެސްޓިގޭޓަރުން ބިނާކުރުމަށް އެޅޭ މުހިންމު ބިންގަލެއް ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެމްކިއުއޭއިން ފާސްކޮށްފައިވާ މި ޑިޕްލޮމާ ކޯހަކީ، ތަޙުޤީޤީ ދާއިރާގެ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މި ކޯހުގެ ތެރެއިން ތަޙުޤީޤީ މަސައްކަތުގައި ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތަކާއި ނަޒާހަތްތެރިކަން ދެމެހެއްޓުމާއި، ހަރުދަނާ އުސޫލުން ކޭސް މެނޭޖްމެންޓް ކުރިއަށް ގެންދިއުމުގެ ހުނަރު ދަސްކޮށްދޭނެއެވެ. މީގެއިތުރުން ޤާނޫނީ ހަމަތަކުގެ މަތިން ހެކި ހޯދުމާއި، ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ޗެއިން އޮފް ކަސްޓަޑީ ކަށަވަރު ކުރުމާއި، ޑިޖިޓަލް ފޮރެންސިކްސް އަދި މާލީ މުޢާމަލާތްތަކާއި ލިޔެކިޔުންތައް ފޮރެންސިކް ތަޙުލީލު ކުރުމުގެ ޤާބިލުކަން ބިނާކުރެވޭނެއެވެ.




