މާލެ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ދެމުންގެންދާ ޚިދުމަތްތަކާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށާއި ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި، ޚާއްސަ ކެމްޕޭނެއް އައްޑޫ ސިޓީ އައްޑޫ ހުޅުދޫ، އައްޑޫ މީދޫ އަދި ފުވައްމުލައް ސިޓީގައި އެ ކުންފުނިން މިއަދު ފަށައިފިއެވެ.
މި ކެމްޕޭނުގެ މައިގަނޑު މަޤްޞަދަކީ އެމްޑަބްލިޔުއެސްސީގެ ޚިދުމަތް ހޯދަމުންދާ އެންމެހާ ކަސްޓަމަރުން ކުންފުނީގެ ދަފްތަރުގައި ރަސްމީކޮށް ރަޖިސްޓްރީކުރުމާއި، ކަސްޓަމަރުންގެ އެންމެ ފަހުގެ މަޢުލޫމާތަށް އަދާހަމަކުރުމަށް ބާރުއެޅުން ކަމުގައި އެ ކުންފުނިން ބުންޏެވެ.
މީގެއިތުރުން، ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން، އެމްޑަބްލިޔުއެސްސީގެ މޮބައިލް އެޕްލިކޭޝަން ބޭނުންކުރާނެ ގޮތުގެ ފުރިހަމަ މަޢުލޫމާތު މި ޙަރަކާތުގެ ތެރެއިން ދަނީ ފޯރުކޮށްދެމުންނެވެ. އަދި ދެމުންދާ ޚިދުމަތްތަކާ ގުޅިގެން ކަސްޓަމަރުންގެ ހުރި ޝަކުވާތަކާއި ކަންބޮޑުވުންތައް ސީދާ ދެނެގަނެ، އެކަންކަމަށް އަވަސް ޙައްލުތަކެއް ހޯދައިދިނުމަކީވެސް މި ކެމްޕޭނުގެ މުހިންމު ބައެކެވެ.

މި ކެމްޕޭނުގެ ދަށުން ގޭގެޔަށް ޒިޔާރަތްކޮށް، ވީހާވެސް ގިނަ ރައްޔިތުންނަށް ފަސޭހައިން ރަޖިސްޓްރީވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި އައްޑޫ ސިޓީގެ އަވަށްތަކުގައާއި އައްޑޫ ހުޅުދޫ އައްޑޫ މީދޫ އަދި ފުވައްމުލައް ސިޓީގެ އެކި ސަރަޙައްދުތަކުގައި ޚާއްސަ ރޯޑްޝޯތަކެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ތާވަލުކުރެވިފައެވެ.
އައްޑޫ ސިޓީ، އައްޑޫ ހުޅުދޫ، އައްޑޫ މީދޫ އަދި ފުވައްމުލައް ސިޓީގެ ކަސްޓަމަރުންގެ މަޢުލޫމާތު އަދާހަމަކުރުމަށް މި ލިންކުގައިވާ ފޯމު ފުރަންވާނެ: https://mwsc.jotform.com/262923659270868
އިތުރު މަޢުލޫމާތު ހޯއްދެވުމަށް: 1575 ހޮޓްލައިން ނަންބަރަށް ގުޅުއްވާށެވެ.



