ސޯޝަލް މީޑިއާ އިންފްލުއެންސާރ އަދި ޓިކްޓޮކް ތަރި މަރިޔަމް ސަމާ ގެ ”ހިތުން ހިތަށް“ ޖަމިއްޔާ ގެ ފަރާތުން މި ހިނގާ 2026 ވަނަ އަހަރު އެކި ފަރާތްތަކަށް ފަންޑްރެއިޒިން މެދުވެރިކޮށް 1.5 މިލިއަން ހޯދައިދީފިއެވެ.
ސަމާގެ އިންސްޓަގްރާމްގައި އާންމުކޮށްފައިވާ ތަފާސް ހިސާބުއް ދައްކާ ގޮތުން ”ހިތުން ހިތަށް“ ޖަމިއްޔާ އިން މި އަހަރުގެ މިހާތަނަށް، 1،501،778 ރުފިޔާ އަދި 3،123 އެމެރިކާ ޑޮލަރު ވަނީ ފަންޑްރެއިޒިން މެދުވެރިކޮށް 23 ފަރާތަކަށް ހޯދައިދީފައެވެ.
ސަމާގެ ”ހިތުން ހިތަށް“ ޕްރޮގްރާމަކީ ބޭސްފަރުވާއާއި އެހެނިހެން ކަންކަމަށް އެހީތެރިކަން އިންތިހާއަށް ބޭނުންވާ ފަރާތްތަކަށް ފަންޑް ރެއިޒް ކޮށްދިނުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

މި ހަރަކާތް ސަމާ ކުރިއަށް ގެންދާތާ މިހާރު ތިން އަހަރުވެފައިވާއިރު، މި ޕްރޮގްރާމަށް އާންމުންގެ ފަނޑުވުމެއް ނެތް ބޮޑު ތާއީދާއި ތަރުހީބު ލިބެމުންދެއެވެ. ސަމާގެ ފަންޑް ރެއިޒިން އިވެންޓުތައް ގިނައިން އަމާޒުކުރަނީ ކުޑަކުދިންނަށާއި ސިއްހީ ގޮތުން ގޮންޖެހުންތައް ކުރިމަތިވެފައިވާ ފަރާތްތަކަށެވެ.
އާންމުންގެ އެކި ފަރާތްތަކަށް ބޮޑެތި އެހީތައް ހޯދައިދިނުމުގައި ޓިކްޓޮކް ތަރި ސަމާ އިސްނަގައިގެން ކުރަމުންދާ އިޖުތިމާއީ އަދި އިންސާނީ މަސައްކަތްތަކަކީ މުޅި މުޖުތަމައުގެ ފުރިހަމަ ސަމާލުކަމާއި ތައުރީފު ލިބެމުންދާ އަގުހުރި ޚިދުމަތެކެވެ.

ސޯޝަލް މީޑިއާގެ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކޮށްގެން ހާލުގައި އުޅޭ ފަރާތްތަކަށް އުއްމީދާއި އުފާވެރިކަން ހޯދައިދިނުމަށް ސަމާ ދައްކުވައިދޭ އޯގާތެރިކަމާއި، ހިތްވަރާއި، އަދި އިސްނެގުމަކީ ނަމޫނާ އަދި ނުހަނު ތައުރީފު ހައްގު މަސައްކަތެކެވެ.




