ޏ. ފުވައްމުލަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށް ހިންގި ޑްރަގް ކެފޭއެއް ބަންދުކޮށް، ދެ މީހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައާ ބެހޭގޮތުން ފުލުހުން މިއަދު ބުނީ ފުވައްމުލަކުގައި މިދިޔަ ބުރާސްފަތި ދުވަހު ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުވައްމުލަކު ޕޮލިހާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ އެ ރަށު ދޫޑިގަން މާދޫގެ / އަހްމަދު ރަޝީދާއި ދޫޑިގަން ރޫބީ / މުހައްމަދު ޝާޒެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 17 ގްރާމްގެ ތަކެތި ފެނިފައިވާ ކަމަށެވެ.
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުހައްމަދު ޝާޒް 15 ދުވަހަށް އަދި އަހްމަދު ރަޝީދު 12 ދުވަަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ރަށު ދޫޑިގަން މާދޫގޭގައި، އަހްމަދު ރަޝީދު ދިރިއުޅޭ ބައިގައި މަސްތުވާތަކެތި ކެފޭގެ އުސޫލުން ހިންގައި، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މައްސަލައާ ގުޅިގެން އެ ގޭގެ އެ ބައި 90 ދުވަހަށް ބަންދުކުރުމަށް ވެސް ކޯޓުން އިއްޔެ އަމުރުކޮށްފައިވާ ކަމަށެވެ.




