ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން ދޫކުރާ ”ނެޝަނަލް ސްޓޫޑެންޓް ލޯން ސްކީމް“ ހަމަޖެހުނު ދަރިވަރުންގެ ނަންތައް އިއުލާންކޮށްފި އެވެ.
ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިިނިސްޓަރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ ސްޓޫޑެންޓް ލޯނަށް ހުޅުވާލި ފުރުސަތުގައި 1،709 ފޯމު ވަނީ ހުށަހަޅާފައި ވާކަމަށެވެ. އަދި ލޯނަށް ކުރިމަތިލީ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވި 1،153 ދަރިވަރުންގެ ތެރެއިން މި އަހަރުގެ ލޯނު ސްކީމުން 1،015 ދަރިވަރަކަށް ލޯން ދޫކުރުމަށް ނިންމާފައިވާކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީތަޢުލީމާއި ތަމްރީނު ހޯދުމަށް ލޯނަށް އެދި، 2024 ވަނަ އަހަރު ކުރިމަތިލީ ދަރިވަރުންގެ ތެރެއިން ފައިލެޓް ލައިސެންސްގެ ސްލޮޓްތަކަށް ކުރިމަތިލީ ދަރިވަރުންގެ ވަގުތީ ނަތީޖާ މިނިސްޓްރީގެ ވެބްސައިޓް https://mohe.gov.mv އިން މިހާރު ފެންނަން ހުންނާނެކަމަށެވެ. އަދި އެހެނިހެން ދާއިރާތަކުގެ ސްލޮޓްތަކަށް ކުރިމަތިލީ ފަރާތްތަކުގެ ނަތީޖާ އެ މިނިސްޓްރީގެ ”މައި އެޑިޔު ޕޯޓަލް“ އިން މިހާރު ދަރިވަރުންނަށް ލިބެން ހުންނާނެކަަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ލޯނަށް ހޮވުނު ދަރިވަރުންނަށް މިމަހުގެ 13 ވަނަ ދުވަހުގެ ކުރިން ލޯނަށް ހޮވުނު ކަމުގެ ”ސްޕޮންސަ ލެޓަ“ ފޮނުވާނެކަމަށެވެ. އަދި ނަތީޖާއާ ގުޅިގެން ޝަކުވާއެއް އޮތްނަމަ، މި މަހުގެ 25 ވަނަަ ދުވަހުގެ ކުރިން މިނިސްޓްރީގެ މެއިލް loan2024@mohe.gov.mv މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.




