ދާރުލްއާސާރުގެ މަސައްކަތްތަކުގެ ފަންނުން ދިވެހިން ތަމްރީން ކުރުމާ ބެހޭ ގޮތުން ޔުނެސްކޯއާ މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ކުރިޔަށް ގެންދިޔައީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް، ޔުނެސްކޯގެ ފަރާތުން ދިވެހިރާއްޖެ ހިމެނޭ ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިރެކްޓަރ ޓިމް ކަރޓިސްއާ އެކު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ މައުނަވީ ތަރިކައިގެތެރޭގައި ހިމެނޭ ރައިވަރާއި ޅެން ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ. އަދި ދާރުލްއާސާރުގައި ހުރި އާސާރީ ތަކެތި ރައްކާތެރި ކުރުމާއި ދާރުލްއާސާރުގެ މަސައްކަތްތަކުގެ ފަންނުގައި މީހުން ތަމްރީން ކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ޓިމް ކަރޓިސް ވަނީ މައުނަވީ ތަރިކަ ރައްކާތެރިކުރުމާ ބެހޭ ގޮތުން ޔުނެސްކޯއިން 2003 ވަނަ އަހަރު އެކުލަވައިލި މުޢާހަދާގައި ދިވެހިރާއްޖެއިން ބައިވެރިވުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. އަދި ވަޒީރު ވަނީ ރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް ޔުނެސްކޯގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާ ބެހޭ ގޮތުން އެންމެ ފަހުގެ އަދާހަމަ ހިއްސާ ކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ސަގާފަތާއި ތަރިކައިގެ ދާއިރާތަކުން މީހުން ތަމްރީން ކުރުމަށް ދިވެހީން ރާއްޖެއިން ބޭރަށް ފޮނުވުމުގެ ބަދަލުގައި ތަޖުރިބާކާރުން ރާއްޖެ ގެނެސްގެން ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމުގެ ފުރުސަތުތައް ރާއްޖެއަށް ބޭނުންވާ ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފަ އެވެ. އަދި އެކަމަށް ތަރުހީބުދެއްވާ ކަމުގައި ވިދާޅުވެ، އެފަދަ ފެސިލިޓޭޓަރުން ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ޓިމް ކަރޓިސްވަނީ ވިދާޅުވެފަ އެވެ.
މި ބައްދަލުކުރެއްވުމަށް ފަހު ޓިމް ކަރޓިސް ވަނީ ޤައުމީ ދާރުސްއާސާރަށް ޒިޔާރަތް ކުރައްވައި ދާރުލްއާސާރު ބައްލަވައިލައްވާފަ އެވެ.
ޓިމް ކަރޓިސްއަކީ ދިވެހިރާއްޖެ ހިމެނޭހެން ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ސްރީލަންކާ އަދި ނޭޕާލަށް ކަނޑައަޅުއްވާފައި ހުންނަވާ ޔުނެސްކޯގެ އިސް މަންދޫބެވެ.



