”މާގޭ ސާފުރާއްޖެ“ ޕްރޮގްރާމްގެ ދަށުން 30 ރަށަކަށް ކުނި އުފުލާ އުޅަނދުތައް، އެންވަޔަރަންޓް މިނިސްޓްރީން އެރަށްރަށުގެ ރަށު ކައުންސިލްތަކާ ހަވާލުކޮށްފި އެވެ.
މި ވެހިކަލްތައް ރަށު ކައުންސިލްތަކާ ހަވާލުކޮށްފައިވަނީ މިއަދު އެމިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މޫސުމީ ބަދަލުތަކާ، އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤް އިބްރާހީމް އެވެ.
މިނިސްޓްރީން ބުނީ، މިވެހިކަލްތަކަކީ ޖަޕާން ސަރުކާރުގެ ހިލޭއެހީގައި އެމިނިސްޓްރީން ހިންގަމުންދާ ”މަގޭ ސާފު ރާއްޖެ“ މަޝްރޫޢު ގެ ދަށުން މިކަމަށް ރާއްޖެއަށް ގެނެސްފައިވާ މުޅިން އާ ވެހިކަލްތަކެއްކަމަށެވެ. އެގޮތުން، މި މަޝްރޫޢުގެ ދަށުން 78 ރަށަކަށް ވެހިކަލް ފޯރުކޮށްދިނުމަށް ނިންމާފައިވާއިރު، މީގެކުރިން 48 ރަށެއްގެ ރަށު ކައުންސިލްތަކާ އުޅަނދުތައް ހަވާލުކޮށްފައި ވެއެވެ. މިއަދު ރަށު ކައުންސިލްތަކާ ހަވާލުކުރި 30 ވެހިކަލަކީ ބާކީ ހުރި ރަށްތަކަށް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ އުޅަނދު ތަކެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިގް އިބްރާހިމް ދެއްކެވި ވާހަކަފުޅުގައި، މިސަރުކާރުގެ އަމާޒަކީ މި ފަސް އަހަރު ނިމޭއިރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުނި މެނޭޖްކުރުމުގެ އެކަށީގެންވާ ނިޒާމެއް އެކުލަވާލުންކަމަށެވެ. އެގޮތުން. ވޭތުވެދިޔަ 6 މަހުގައި 22 ރަށަކަށް ކުނި މެނޭޖްކުރުމަށް ބޭނުންވާ އާލާތްތައް ފޯރުކޮށް ދީ، އެ އާލާތްތައް ހިންގާނެ ގޮތުގެ ތަމްރީންވެސް އެރަށު ކައުންސިލްތަކަށް ފޯރުކޮށްދީފައިވާ ކަމުގައި މިނިސްޓަރު ޠާރިޤް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މީގެ އިތުރުން 45 ރަށަކަށް ހަމަ މިފަދަ އާލާތްތައް ފޯރުކޮށްދިނުމަށްޓަކައި ބައިނަލްއަގުވާމީ ބީލަމެއްގެ ތެރެއިން ބަޔަކާ ހަވާލުކޮށް އެތަކެތި އޮގަސްޓް މަހު ރާއްޖެ ގެނައުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމަށެވެ. އަދި، ބަދިގެއިން އުކާލާ ކުނި ރައްކާތެރިގޮތުގައި ކާދަށް ބަދަލުކުރުމަށްޓަކައި އެކަމަށް ޚާއްސަ ޓެކްނޮލޮޖީ އެއް ރާއްޖެ ގެނެސް 4 ރަށެއްގައި މިހާރު އިންސްޓޯލްކޮށް ކަމިޝަން ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މިޓެކްނޮލޮޖީ ކާމިޔާބުވެއްޖެނަމަ އިތުރު ރަށްތަކުގައިވެސް މި ޓެކްނޮލޮޖީ އިންސްޓޯލްކުރާނެ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.
މިއަދު ރަސްމިޔާތުގައި ވާހަކަފުޅު ނިންމާލައްވަމުން ވަޒީރު ވިދާޅުވީ މިއަދު މިޙަވާލުކުރި ވެހިކަލްތަކަކީ ހިލޭ އެހީއެއްގެ ދަށުން ފޯރުކޮށްދިން ތަކެތި ކަމުގައިވިއަސް މިއީ އަގު ބޮޑު އެއްޗެއް ކަމުން މިއީ ދާއިމަށް ކުރެވޭނެ ކަމެއް ނޫންކަމުގަ އެވެ. އެހެންކަމުން، މިއުޅަނދުތައް އެންމެ ރަނގަޅުގޮތުގައި ބޭނުންކޮށް އެރަަށްރަށުގެ ރައްޔިތުންނަށް ކުނި މެނޭޖްކުރުމުގެ ޚިދުމަތް ފޯރުކޮށްދީ މިގޮތަށް ފޯރުކޮށްދޭ އުޅަނދުތަކާއި އާލާތްތައް ރަނގަޅަށް ބެލެހެއްޓުމަށް ރަށު ކައުންސިލްތަކުން މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.
މިއަދު މިރަސްމިއްޔާތުގައި މިނިސްޓަރު ޠާރިޤް އިބްރާހީމްގެ އިތުރުން ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓަކެއުޗީ މިޑޯރީ އާއި ވެމްކޯގެ އިސްވެރިންނާއި، އުޅަނދާއި ހަވާލުވި ރަށްރަށުގެ ދާއިރާތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މޫސުމީ ބަދަލުތަކާ، ތިމާވެއްޓާ އަދި ހަކަތައާބެހޭ ވުޒާރާގެ އިސް ބައެއް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މޫސުމީ ބަދަލުތަކާ، ތިމާވެއްޓާ އަދި ހަކަތައާބެހޭ ވުޒާރާއިން ހިންގަމުންދާ ”މަގޭ ސާފު ރާއްޖެ“ މަޝްރޫއުގެ ދަށުން ރަށްރަށުގައި ކުނި މެނޭޖްކުރުމަށް އެހީތެރިވެދިނުމަށް ދަނީ މަސައްކަތްކުރަމުންނެވެ. މިނިސްޓްރީން ބުނީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި ހިންގަމުންދާ މި މަޝްރޫއުގެ ދަށުން، އުޅަނދުތަކުގެ އެހީގެ އިތުރުން 25 ރަށަކަށް ކުނި މެނޭޖްކުރުމަށް ބޭނުންވާ އިކުއިޕްމަންޓްވެސް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށެވެ.



