ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު ހުސެއިން ރިޒާ ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) ގެ ރައީސަކަށް އިންތިޚާބުކޮށްފި އެވެ.
މެންބަރު ހުސެއިން ރިޒާއަކީ ޖޭއެސްސީގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތަމްސީލުކުރާ މެންބަރެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރިޒާ ޖޭއެސްސީގެ މެންބަރުކަމަށް އައްޔަަނުކުރެއްވީ މިމަހުގެ 3 ވަނަ ދުވަހު އެވެ.
މެންބަރު ރިޒާ ޖޭއެސްސީއަށް އައްޔަނުކުރެއްވީ މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމެއްގަ އެވެ. ޖޭއެސްސީގެ ރައީސްކަމަށް ރިޒާ އައްޔަނު ކުރިއިރު، އެ ކޮމިޝަނުގެ ނައިބު ރައީސަކީ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.
ޖޭއެސްސީގައި މިހާރު ތިއްބަވަނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، މަޖިލީހުން ކަނޑައަޅާ މެންބަރު ހުސައިން ރިޒާ އާދަމް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދު، ބަންޑާރަ ނައިބު އަހުމަދު އުޝާމް، ދަށު ކޯޓުތަކުން ފަނޑިޔާރު އަލީ ޝަރީފް، ހައި ކޯޓުގެ ފަނޑިޔާރުންގެ ފަރާތުން މުހައްމަދު ނިޔާޒު، ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެންބަރު މުހައްމަދު ސަމީރު، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު، އާންމުންގެ ތެރެއިން މެންބަރެއްގެ ގޮތުގައި މަޖިލީހުން ކަނޑައަޅުއްވާފައިވާ ޑރ. އުލްމުކުލްސޫމް އަދި ގާނޫނީ ވަކީލުންގެ ތެރެއިން އަލީ އަބްދުއްލަތީފް އެވެ.



