މާލޭގައި ފުޅާ ދާއިރާއެއްގައި އެއްގަމު އުޅަނދު ވަގަށް ނެގުމުގައި ޝާމިލުވާ މީހަކު ހޯދައި އޭނާގެ މައްޗަށް ދައުވާ ކުރަން މިއަދު ޕްރޮސެކިއުޓަރ ޖެނެރަލް(ޕީޖީ) އޮފީހަށް މައްސަލަ ފޮނުވާފައިވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ ފަރާތުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ދާވޫދު މިކަން ހާމަކުރެއްވީ އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރުގެ ކާރުކޮޅު ވަގަށް ނެގި މައްސަލައިގެ ތަހުގީގާއި ބެހޭ މައުލޫމާތު ހިއްސާކުރައްވަމުން ދާވޫދު ވިދާޅުވީ، ފުލުހުން ހޯދި ހޯދުމުން އެ ކާރާއި، އަދި މީގެ ހަތަރުމަސްކުރިން ގެއްލުނު އިމިގްރޭޝަނުގެ އެއްގަމު އުޅަނދުވެސް ފެނުނީ، ހ. ވީރާންގެ ގްރައުނޑް ފްލޯގައި ހުރި ގަރާޖެއްގައި ފޮރުވާފައި އޮއްވާ ކަމަށެވެ. އަދި މި މައްސަލައިގެ އެ ގަރާޖު ކުއްޔަށް ހިފައިގެން އުޅޭ ކ. މާލެ އަހްމަދު ނިޒާމް, 43, މ. މޮޑަން ކޮމެޓްއާއި އެމްއޭސީއެލްގެ ވެހިކަލް ވަގަށްނެގުމުގައި އެހީތެރިވިކަމަށް ތުހުމަތުކޮށް އެކުންފުނީގެ މުވައްޒަފެއް ކަމަށްވާ މުހައްމަދު ހައިޝަމް, 42, މ. ސީނިއަސުރުމާގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ.
ދާވޫދު ވިދާޅުވީ މި ދެ ވައްކަންތަކުގެ ތެރެއިން ބެލިބެލުމުން ހަތަރު ފުރޮޅުލީ އުޅަނދު އޭގެ އަސްލްު އޮޅުވާލުމަށްޓަކައި މަސައްކަތްކޮށް އޭގެ އިންޖީނު ނަންބަރާއި، ޗެސިސް ނަންބަރު ކަހާލުމަށްފަހު ފުޅާ ދާއިރާއެއްގައި ނިޒާމު މާލޭގައި ވިޔަފާރި ކުރަމުންދާކަން ތަހުގީގަށް ހާމަވެފައިވާކަމަށެވެ. އަދި މިކަމާއި ގުޅިގެން ނިޒާމުގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ވެހިކަލްތައް ހޯދާ ބެލުމުގެތެރޭގައި 100 ވެހިކަލެއް ފާހަނގަކުރެއްވި ފައިވާކަމަށެވެ. މީގެ ތެރޭގައި ހަތަރު ފުރޮޅުލީ 86 އުަޅަނދު ހިމެނޭއިރު، އޭނާގެ އަނބިމީހާގެ ނަމުގައި 42 ވެހިކަލް އަދި ބާކީ އުޅަނދުތައް ރަޖިސްޓްރީކޮށްފައިވަނީ އޭނާގެ އަމިއްލަ ނަމުގައި ކަމަށް ދާވޫދު ވިދާޅުވި އެވެ.
ދާވޫދު ވިދާޅުވީ މާލޭގައި 86 ވެހިކަލް ރަޖިސްޓަރީ ކުރާއިރު ހަމަޔަގީނުންވެސް 86 ގަރާޖް ސިޓީ އޮންނަޖެހޭނެއިރު، މިހާ ގިނަ އަދަކަކަށް ވެހިކަލް ރަޖިސްޓަރީކޮށްފައިވާތީ ފުލުހުން ޓްރާންސްޕޯޓް މިނިސްޓްރީ މެދުވެރިކޮށް ބެލިބެލުުމުން، 2023 ގެ ކުޜީގައި 2024 އިން 2028 އާ ހަމަޔަށް ނުވަތަ ބައްދަލުނުކުރާ އަހަރުތަކުގެ ނަމުގައި ވެހިކަލް ރަޖިސްޓްރީކޮށް، ރަޖިސްޓްރީ ދޫކޮށްފައިވާކަން ތަހުގީގަށް ފާހަނގަކުރެވިފައިވާކަމަށެވެ. އަދި، މި މައްސަލައިގައި ސީރިއަސް ތަހުގީގެއް ހިންގުމަށްޓަކައި ފުލުހުންގެ ފަރާތުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަކަމަށާއި، މިކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީން ވަރަށް އޯޕެން ކޮށް އެއްބާރުލުން ދެމުން އަންނަކަން ފާހަނގަކޮށް ދާވޫދު ޓްރާންސްޕޯޓް މިނިސްޓްރީއަށް ޝުކުރު އަދާކުރެއްވި އެވެ.
މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ނިޒާމުގެ މައްސަލަ ތަހުގީގުކޮށް ނިންމައި އޭނާއަށް ދައުވާ ކުރަން މިއަދު ޕީޖީއަށް ފޮނުވާ ފައިވާކަމަށް ދާވޫދު ވިދާޅުވި އެވެ. އަދި މި މައްސަލައިގެ ބޮޑުކަމާއި ފުންކަމުން މިކަން ހުރިވަރު ނޭނގޭތީވެ ޓްރާންސްޕޯޓް ތެރެއިން މި ކުށް ނުވަތަ ޖަރީމާ ހިންގުމުގައި ތިބި ބަޔަކު ހޯދާ ފިޔަވަޅު އެެޅުމަށް ސިމަލްޓޭނިއަސްކޮށް ތަހްގީގު ހިންގަމުން އަންނަކަމަށް ދާވޫދު ވިދާޅުވިއެވެ.
ދާވޫދު ވިދާޅުވީ ނިޒާމުއަށް ދައުވާކުރަން ފޮނުވި ނަމަވެސް، އޭނާއަކީ ކާރު އިމްޕޯޓްކޮށްގެން އޭގެ ވިޔަފާރި ކުރާ މީހެއް ކަމަށްވާތީ ތަހުގީގަށް ފެނުނު ހުރިހައި ވެހިކަލްއަކީ ވަގަށް ނެގި ވެހިކަލްކަމަށް އަދި ކަށަވަރު ނުކުރެވޭކަމަށެވެ. އެހެންނަމަވެސް އެކަން ކަށަވަރުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވި އެވެ.




