ދިވެހި ރާއްޖެއިން ޙައްޖަށް ދިޔަ ހުރިހާ ހާޖީން އަރަފާތު ބިމަށް ޖަމާވެއްޖެ އެވެ.
ހައްޖު މިޝަންގެ ޑިރެކްޓަރު އަލްއުސްތާޛް އުސާމް މުޙައްމަދު ސަޢީދު ވިދާޅުވީ ހާޖީން މިނާއިން އަރަފާތު ބިމަށް ދަތުރުފެށީ ރޭގެ ވަގުތެއްގައި ކަމަށާއި، މިހާރު ހުރިހައި ހާޖީންވެސް އަރަފާތު ބިމަށް ޖަމާވެ ނިމިފައިވާކަމަށެވެ. އޭނާ ވިދާޅުވީ ހުރިހާ ޙައްޖުވެރިންގެ ހާލުވެސް އާންމު ގޮތެއްގައި ރަނގަޅުކަމަށެވެ.
އުސާމް ވިދާޅުވީ، މައްކާ ސަރަޙައްދުގެ މޫސުމަށް ބަލާއިރު ހޫނުމިން 45 ޑިގްރީ އަށްވުރެ މަތިވާނެތީ ޙައްޖުވެރިން އެކަމަށް ސަމާލުކަން ދިނުމަށް ސަޢޫދީ ޢަރަބިއްޔާ ސަރުކާރުން އިލްތިމާސް ކޮށްފައިވާ ކަމަށެވެ. އަދި ހާޖީން ހޫނުން ސަލާމަތްކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއްކޮށް ސަޢޫދީ ސަރުކާރުން އެ އިންތިޒާމުތައް ހަމަޖައްސާފައި ވާކަމަށެވެ.
ދިވެހި ހާޖީންވެސް ހޫނުން ރައްކާތެރިވުމަށް ކުރަންޖެހޭ މަސައްކަތް ކޮށްވާފައިވާ ކަމަށާއި އެކަމަށް ވާންޖެހޭ ތައްޔާރީތައް ވެފައި ވާކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުންވެސް ވަނީ މައުލޫމާތު ދީފަ އެވެ. އަދި ސިއްޙީގޮތުން އެ ކޯޕަރޭޝަންގެ މެޑިކަލް ޓީމު ތައްޔާރަށް އޮތްކަން ވެސް ފާހަގަކޮށްފައި ވެެެއެވެ.
މިއަހަރު ރާއްޖެއިން ހައްޖަށް ދިޔައީ 1150 މީހުންނެވެ. އޭގެ ތެރޭގައި ދައުލަތުގެ ޚަރަދުގައި ހައްޖަށް ދިޔަ 50 މީހުންނާއި، ހާޖީންނަށް ފަރުވާ ދިނުަމަށް ދިޔަ ނަރުހުންނާއި، ޑޮކްޓަރުންގެ އިތުުރުން، ހާޖީންގެ އެހީތެރިންވެސް ހިމެނެއެވެ.
އަރަފާތު ބިމަށް ޖަމާވުމަކީ، ހައްޖުގެ އެންމެ މުހިއްމު އަދި އެންމެ މަތިވެރި ރުކުނެވެ. ހައްޖު ހުތުބާ ކިޔާނީ އަރަފާތުގެ ބިމުގައި ހުންނަ މަސްޖިދުއްނަމިރާގައި މިއަދު މެންދުރު ނަމާދަށް ފަހު އެވެ.



