ކުރިޔަށް އޮތް ހަފުތާގައި ސަރުކާރު އެއްކޮށް ބަންދުވީނަމަވެސް، ކުއްލި ހާލަތްތަކުގައި އައިޑީކާޑުގެ ޚިދުމަތްދޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން(ޑީއެންއާރް) އިން ބުނެފި އެވެ.
ޑީއެންއާރް އިން އެކްސްގައި މިކަން ހާމަކޮށް ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ، އީދު ބަންދުގައި ކުއްލި ޙާލަތެއް މެދުވެރިވެގެން އައިޑީކާޑުގެ ޚިދުމަތް ހޯދަން ޖެހޭ ފަރާތްތަކަށް އެޚިދުމަތް ދޭނެކަމަށެވެ. އަދި އެ ޚިދުމަތް ބޭނުންވާ ފަރާތްތަކުން 7280368 އާ ގުޅުމުން އައިޑީ ކާޑު ހެއްދުމުގެ އިންތިޒާމު ހަމަޖައްސައިދޭނެކަމަށްވެސް ޑީއެންއާރް އިން ބުނެފައި ވެއެވެ.
ހައްޖު ދުވަހާއި، ބޮޑު އީދު ޗުއްޓީއާ ގުޅުވައިގެން ސަރުކާރުން ވަނީ ކުރިޔަށް އޮތް ހަފުތާގެ ގެ ހުރިހައި ރަސްމީ ޚިދުމަތްދޭ ދުވަސްތައް ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައަޅާފަ އެވެ. އާންމު ރައްޔިތުންނަށް ފަސޭހައަކަށް ސަރުކާރުން މިގޮތަށް ނިންމެވި ނަމަވެސް، ރާއްޔިތުންނަށް ބޭނުންވާ ޒަރޫރީ ޚިދުމަތްތައްދޭ މުއައްސަސާތަކުން އެ ޚިދުމަތް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.




