އަޟްހާ އީދު ބަންދާ ދިމާކޮށް ކަނޑުދަތުރުކުރާ އުޅަނދުފަހަރު ޗެކްކުރުމުގެ ގޮތުން އެމްއެންޑީއެފް ކޯސްޓްގާޑުން ”އޮޕަރޭޝަން އަޟްހާ“ ފަށައިފި އެވެ.
ކޮންމެ އަހަރެއްގެ އީދު ބަންދާ ދިމާކޮށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ މި އޮޕަރޭޝަން މިމަހުގެ 13 ވަނަ ދުވަހު ފަށާފައިވާއިރު، މިއޮޕަރޭޝަން މިމަހުގެ 21 ގެ ނިޔަލަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާކަމަށް އެމްއެންޑިއެފް އިން ބުންޏެވެ. އަދި، މި އޮޕަރޭޝަނަކީ، އީދު ބަންދުގައި ކަނޑުމަގުން ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާ ދުވަސްވަރަކަށް ވުމާއެކު، ދަތުރުކުރާ އުޅަނދާއި ޕަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމުގެ ގޮތުން ކުރިއަށްގެންދާ އޮޕަރޭޝަނެއްކަމަށް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.
”މި އޮޕަރޭޝަންގައި އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ، އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ ބަލަމުންނެވެ. އޭގެ ތެރޭގައި މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުފަހަރުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބަލަމުންދޭ.“ އެމްއެންޑީއެފް އިން ބުނެފައި ވެއެވެ.
އުޅަނދުފަހަރުތަކުގައި ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމަށް، މާލޭ ސަރަހައްދުގައާއި، އެމްއެންޑީއެފް އޭރިއާ ކޮމާންޑްތަކަށް ނިސްބަތްވާ ބައެއް ރަށްރަށުގައި ވެސް މި އޮޕަރޭޝަން ކުރިޔަށް އެބަގެންދެއެވެ. އެގޮތުން، މާލޭ ސަރަހައްދުގައި، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވާއިރު، ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފޯތު ސްކޮޑްރަންއިން ދަނީ ހަރަކާތްތެރިވަމުންނެވެ. މި އޮޕަރޭޝަނުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވެސް ބައިވެރިވާކަމަށް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.
އަޟްޙާ ޢީދު ބަންދާ ދިމާކޮށް މާލެއިން އަތޮޅުތަކަށް ގިނައަދަދެއްގެ ބަޔަކު ފުރައި އަދި އަތޮޅުތަކުން މާލެއަށް ގިނަބަޔަކު ޒިޔަރަތްކުރާނެކަމަށް ބެލެވޭތީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މެރިން ޕޮލިހުންވެސް ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފަ އެވެ. މިމަހުގެ 12 ވަނަ ދުވަހުގެ 14:00 އިން ފެށިގެން މި ޖޫން މަހުގެ 23 ވަނަ ދުވަހުގެ 18:00 އަށް ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި، މާލެ އޭރިއާގެ ބަނދަރުތަކުން ލަފާފުރާ އުޅަނދުފަހަރާއި ކަނޑުގެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބަލައިފާސްކޮށް އަދި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މައުލޫމާތުދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އަތޮޅުތަކުން ލަފާފުރާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މައުލޫމާތުދިނުމާއި ބަލައިފާސްކުރުމުގެ ކަންކަން އަތޮޅުތަކު ޕޮލިސް ސްޓޭޝަންތަކާ ގުޅިގެން ކުރިއަށް ގެންދާނެއެވެ.

މި އޮޕަރޭޝަނަކީ ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ އެންމެންނަށް ވެސް އަމާން ރައްކާތެރި ތަނަކަށް ހެދުމަށާއި، ޢީދާ ގުޅިގެން މާލެއިން އަތޮޅުތަކަށް ދަތުރުކުރާ ފަރާތްތަކަށާއި އަތޮޅުތަކުން މާލެއަށް ދަތުރުކުރާ ފަރާތްތައް ގިނަވެ ކާރުބާރު ބޮޑުވާނެކަމަށް ބެލެވޭތީ އެ ދަތުރުތަކަކީ އަމާން ރައްކާތެރި ދަތުރުތަކަކަށް ހެދުމަށާއި ކަނޑުމަތީގެ ހާދިސާތައް މަދުކޮށް ރައްޔިރުންނާއި މުދަލަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނެއްކަމަށް ފުލުހުން ބުނެފައި ވެއެވެ.




