ރޭ ދަރުބާރުގެ ކައިރީ ހިންގި މާރާމާރީއާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުން ތަހުގީގު ނިމެންދެން ބަންދުކުުރުމަށް އަމުރުކޮށްފި އެެވެ.
ރޭ 10:30 ހާއިރު ދަރުބާރުގޭ ކައިރީ ބަޔަކު މީހުން ހިންގި މާރާމާރީގައި ޝާމިލުވިކަމަށް ތުހުމަތުކުރެވޭ 4 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. މިއަދު އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ތަހުގީގި ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރެއް ނެރެދީފަ އެވެ.
މިއެންމެންނަކީވެސް ދިވެހި ފިރިހެނުންކަމަށް ފުލުހުން ބުނެފައިވެއެވެ. މި މައްސަލައަކީ ތަހުގީގުކުރަމުންދާ މަައްސަލައަކަށްވާތީ ހައްޔަރުކުރި މީހުންގެ ވަނަވަރު އަދި ހާމަކޮށްފައެއް ނުވެއެވެ.
ރޭ ފަތިހާއި މިއަދުވެސް މާލެ ސަރަހައްދުގައި މާރާމާރީތައް ހިންގާފައި ވެއެވެ. ރޭ ފަތިހު 4:07 ހާއިރު ހުޅުމާލެ ފިލިގަސްމަގުގައި މާރާމާރީ ހިންގި މީހާ އެހިސާބުގައި އޮތް ކާރަކަށް އަރާ ފިލަން މަސައްކަތް ކުރަން އުޅުމުން، ކާރު ހުއްޓުވަން މަސައްކަތްކުރި ފުލުސް ގައިގަ ކާރުން ޖައްސާފައި ކާރުގަ ތިބި ދެމީހުން ފިލިއެވެ. ކާރު ތިބި މީހުންގެ ތެރެއިން އެކަކު ފުލުހުން ހޯދާ ހައްޔަރުކޮށްފައިވާއިރު، އަނެއް މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މާރާމާރީގައި އަނިޔާޥި މީހާއާއި އަނިޔާވި ފުލުސްމީހާއަށް ހުޅުމާލެ ހޮސްޕިޓަަލުން ފަރުވާ ދީފައި ވެއެވެ.
މީގެ އިތުރުން މިއަދު މެންދުރު 12:45 ހާއިރު ޝަހީދު އަލީ މިސްނކިތު ސަރަހައްދުގައި މާރާމާރީއެއްގައި ހިންގާ ދެމީހަކަށް ޒަޚަމްވެ، އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދީފައި ވެއެވެ. މި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މި ތިން މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.



