ހައްޖުގެ ކަންކަން ފުރިހަމަޔަށް އިންތިޒާމުކުރައްވާފައިވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސައުދީ ސަރުކާރަށް ޝުކުރު އަދާކުރައްވައިފި އެވެ.
ހައްޖުގެ އިންތިޒާމުތަކުގެ ފުރިހަމަކަމަށް ތައުރީފުކުރައްވާ ރައީސް މިއަދު ވަނީ ސައުދީއަރަބިއްޔާގެ ވަލީއަހްދު އަދި ބޮޑުވަޒީރު ސަލްމާން ބިން އަބްދުލް އަޒީޒް އަލް ސައުދަށް ސިޓީފުޅެއް ފޮނުއްވާފަ އެވެ.
ރައީސްގެ ސިޓީފުޅުގައި، ޙައްޖުގެ މަތިވެރި އަޅުކަމުގެ ދުވަސްވަރަކީ މުސްލިމު އުންމަތުގެ މެދުގައި އޯގާތެރިކަމާއި ދީލަތިކަމާއި އެއްބައިވަންތަކަން އާލާވެގެންދާ ދުވަސްވަރެއްކަމުގައި ލެއްވުމަށާއި، މުސްލިމު އުންމަތަށް ޞުލްޙަމަސަލަސްކަމާއި އުފާވެރިކަމާއި، ފާގަތިކަން އިތުރުކޮށްދެއްވުމަށް އެދިވަޑައިގެން ދުޢާ ދަންނަވާފައި ވެއެވެ. އަދި ވަލީއަހްދަށާއި، ސައުދީ ސަރުކާރަށާއި، ރައްޔިތުންނަށް ބަރަކާތްތެރި އީދުގެ މުނާސަބަތުގައި ތަހުނިޔާ އާއި މުބާރަކްބާދީ އަރިސްކުރައްވާފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅު ނިންމަވާލެއްވީ ވަލީއަހުދަށް ހެޔޮ ސިއްހަތަކާއި ދުޅަހެޔޮކަމުގެ އިތުރުން، ސައުދީ އަރަބިއްޔާގެ އަޚުވަންތަ ރައްޔިތުންނަށް އުފަލާއި ފާގަތިކަން ދެމިއޮތުމަށް އެދިވަޑައިގަންނަވަމުންނެވެ.
މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުން 1.8 މިލިއަނަށްވުރެ ގިނަ މީހުން ސައުދީއަށް ދަތުރުކޮށްފައި ވެއެވެ. ހައްޖުގެ އިންތިޒާމުތައް ވަރަށް ފުރިހަމައަށް ތަރުތީބުކޮށްފައިވެއެވެ. ވަކިން ޚާއްސަކޮށް ހައްޖާޖީންނަށް ބޭނުންވާ ޚިދުމަތްތައް ލުއި ފަސޭހަގޮތެއްގައި ލިބޭނެ އިންތިޒާމުތައް ފަހިކޮށްދީފައިވެއެވެ. އޭގެ ތެރެއިން ސިއްހީ ޚިދުމަތްތަކާއި، ޕެރާ މެޑިކްސްއާއި ސަލާމަތީ ފިޔަވަޅުތައް ފާހަަނގަކޮށްލެވެއެވެ.
މިއަހަރު ރާއްޖެއިން 1150 މީހުން ހައްޖުގެ އަޅުކަމަށް ހައްޖު ކޯޕަރޭޝަންގެ އެހީގައި ސައުދީއަށް ދިއައެވެ. މީގެ ތެރޭގައި ދައުލަތުގެ ޚަަރަދުގައި ދިޔަ 150 މީހަކުވެސް ހިމެނެއެވެ.



