ދައުލަތުގެ ބަޖެޓުގައި ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަން ކަނޑައަޅާފައިވާ ފައިސާގެތެރެއިން، ޝަރުޠު ހަމަވި ހުރިހައި ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކޮށް ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
”ސައުވީހަށް“ އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނު ހަސަން ޒަކަރިއްޔާ ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާގޮތަށް ބަލާނަމަ، ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމަށް ޝަރުތު ހަމަވީ 6 ޕާޓީއަށް ކަމަށެވެ. އެގޮތުން، ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)، އަދާލަތު ޕާޓީ(އޭޕީ)، މޯލްޑިވްސް ޑެވެލޮޕްމެންޓް އެލަޔަންސް(އެމްޑިއޭ) އަދި ޖުމްހޫރީ ޕާޓީ(ޖޭޕީ) އަށް އެޕްރީލް މަހުގެތެރޭގައި ފިނޭންސުން ފައިސާ ދޫކޮށްފައިވާކަމަށެވެ. އަދި، ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ) އާއި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)އަށް ފައިސާ ދޫކޮށްފައިވަނީ މޭއި މަހުގެ ތެރޭގައި ކަމަށްވެސް ޒަކަރިއްޔާ ވިދާޅުވި އެވެ.
2024 ދައުލަތުގެ ބަޖެޓުގައި ސިޔާސީ ޕާޓީތަކަށް 44.09 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، .ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ޝަރުޠުހަމަވި 6 ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކޮށްފައިވަނީ ޕާޓީގެ މެންބަރުންގެ އަދަދަށް ބަލައި، ބޮލަކަށް 289.62 ރުފިޔާގެ މަގުންނެވެ.
ޕާޓީތަކަށް ދޫކުރި ފައިސާގެ ތަފުސީލު:
- މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ): 15.1 މިލިއަން ރުފިޔާ
- ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް): 10.4 މިލިއަން ރުފިޔާ
- ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ): 8.0 މިލިއަން ރުފިޔާ
- ޖުމްހޫރީ ޕާޓީ (ޖޭޕީ): 5.3 މިލިއަން ރުފިޔާ
- އަދާލަތު ޕާޓީ(އޭޕީ): 2.5 މިލިއަން ރުފިޔާ
- މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް(އެމްޑީއޭ): 2.4 މިލިއަން ރުފިޔާ
ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާގޮތުން، ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމަށް ޝަރުތު ހަމަވަނީ ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކުރާ ދުވަހާ ހަމައަށް، އެ ޕާޓީއެއްގެ ދަފްތަރުގައި 10،000 މީހުން ހަމަވާ ޕާޓީތަކަށެވެ. އަދި، ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާނީ އެ އަހަރަކަށް ފާސްކުރާ ބަޖެޓުގެ 0.01 އިންސައްތަކަމަށްވެސް ގާނޫނުގައި ވެއެވެ.
ފައިސާ ދޫކުރި ޕާޓީތަކުގެ އިތުރަށް ދެން، އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ހިމެނެނީ މޯލްޑިވްސް ނެޝަނަލް ޕާޓީ(އެމްއެންޕީ)، ދަ ޑިމޮކްރެޓްސް، މޯލްޑިވެސް ރީފޯމް މޫވްމެންޓް(އެމްއާރްއެމް)، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް(އެމްޓީޑީ) އަދި ޕީޕަލްސް ނެޝަނަލް ފްރޮންޓް(ޕީއެންއެފް) އެެވެ.
މިވަގުތު އެންމެ ގިނަ މެންބަރުން ތިބީ އެމްޑީޕީގައެވެ. އެޕާޓީގެ ދަފްތަރުގައި 51،516 މެންބަރުން އެބަތިއްބެވެ. ދެވަނަޔަށް އެންމެގިނަ މެންބަރުން ތިބީ ޕީޕީއެމްގައެވެ. އެޕާޓީގެ ދަފްތަރުގައި 35،044 މެންބަރުން އެބަތިއްބެވެ. އެންމެ މަދުން ދަފްތަރުގައި މެންބަރުން ތިބީ އެމްއާރްއެމްގައެވެ. އެޕާޓީގައި މިވަގުތު ތިބީ2258 މެންބަރުންނެވެ.



