ހޯމަ ދުވަހުގެރޭ މަރުވި ބިދޭސީ މީހާއަކީ ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަމުންދިޔަ މީހެއް ކަމަށް ފުލުހުން ބުނެފި އެވެ.
އިއްޔެ ފުލުހުން ބުނެފައިވަނީ މަރުވީ ސިނަމާލެ ބްރިޖްގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދިޔަ މީހެއްކަމަށެވެ. އެހެންނަމަވެސް މިއަދު މީޑިއާއަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައިވަނީ، މަރުވެފައިވަނީ ތިލަ މާލެ ބްރިޖުގައި މަސައްކަތްކުރަމުން ދިޔަ ބިދޭސީއެއް ކަމަށެވެ.
މަރުވެފައިވަނީ އިންޑިއާ ފިރިހެނެކެވެ. މަސައްކަތުގައި އުޅެނިކޮށް ބޮލަށް އެނބުރުން އަރައިގެން އޭނާ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ޓްރީޓޮޕް ހޮސްޕިޓަލާ ހަވާލާދީ އިއްޔެ ފުލުހުން ބުނެފައި ވެއެވެ. ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އިންޑިއާގެ އެފްކޮންސްއާ ހަވާލުކޮށްގެން ތަރައްގީކުރަމުންދާ ތިލަމާލެ ބްރިޖަކީ 6.2 ބިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަސައްކަތުގައި ފަންނީ މީހުން ހިމެނޭހެން އިންޑިއާގެ ގިނަ އަދަދެއްގެ މީހުން މަސައްކަތްކުރަމުން ދެއެވެ.



