މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެ އިން ސައުދީއަށް ދިޔަ 1،150 ހައްޖުވެރިންނަށް ސަލާމަތާ ރައްކާތެރިކަމާއެކު ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމުގެ ޚިދުމަތް ފޯރުކޮށްދެވިފައިވާ ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.
ޝަކީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ބޭރު ގައުމެއްގައި އަމިއްލަ ބާރު ނުހިނގާ އެތައް ގޮންޖެހުންތަކާއެކު ދުނިޔޭގެ އެތައް ގައުމަކަށް ނިސްބަތްވާ އެތައް މިލިއަން ހައްޖުވެރިންގެ ތެރޭގައި ދިވެހި 1150 ހައްޖުވެރިންނަށް ހައްޖުގެ މާތް އަޅުކަން އަދާކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ވެރިއަކަށް ވުމުގެ ފުރުސަތު ލިބުމުން އެކަމާއި ހަމްދުކޮށް ޝުކުރުވެރިވާ ކަމަށެވެ.
”ބޮޑު މައްސަލައެއް ކުރިމަތި ނުވެ ތަބީއީ މަރަކުން ނިޔާވި އެއްމެ ހައްޖުވެރިއެއް ފިޔަވާ އެހެން ހުރިހާ ހައްޖުވެރިންނަށް ސަލާމަތާ ރައްކާތެރިކަމާއެކު ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމުގެ ހިދުމަތް ފޯރުކޮށްދެވުނުކަމަށްޓަކާ الله سبحانه وتعالى އަށް ހަމްދު ކުރަން. އަދި މި ފުރުސަތު އަޅުގަނޑަށް ދެއްވި ކަމަށްޓަކާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. ހައްޖުގެ ކަންކަން އިންތިޒާމް ކުރުމަށް އިސްލާމިކް މިނިސްޓަރ ޑރ.ޝަހީމް އަބަދުވެސް ދެއްވާ އެހީތެރިކަމާއި ލަފަޔާއި އިރުޝާދަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން.“ ޝަކީލް ވިދާޅުވެފައި ވެއެވެ.
ޝަކީލު ވިދާޅުވެފައިވަނީ، ފަހުގެ ތާރީހެއްގައި ސައުދީއަރަބިއްޔާ ތަޖުރިބާ ކުރަމުންދާ އެންމެ ހޫނުގަދަ ދުވަސްތަކުގައި މަގު އޮޅި ގެއްލިގެން ރިޕޯޓް ކުރި 100 އަށްވުރެ ގިނަ ހައްޖުވެރިން ފަހުގެ ޓެކްނޮލޮޖީއާއި ހައްޖު ކޯޕަރޭޝަންގެ ހީވާގި މުވައްޒަފުންނާއި އެހީތެރިންގެ ބުރަ މަސައްކަތުން ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ހޯދައި، ސިއްހީ މައްސަލައެއް ކުރިމަތި ނުވެ ސަލާމަތްކުރެވުނު ކަމަށެވެ.
ޝަކީލް މިހެން ވިދާޅުވެފައިވާއިރު، މިއަދު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުވެސް ވިދާޅުވެފައިވަނީ މިއަހަރުގެ ހައްޖު އޮޕަރޭޝަން ކާމިޔާބު ކަމަށެވެ. އަދި، ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް ފާހަނގަކުރެވިފައިވާކަމަށާއި، އެކަންތައްތައް ރަނގަޅު ކުރައްވާނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
މިއަހަރު ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުން 1،150 ދިވެހިން ހައްޖަށް ދިޔައެވެ. އޭގެތެރޭގައި ސަރުކާރުގެ ޚަރަދުގައި ދިޔަ 150 މީހުންވެސް ހިމެނެއެވެ.



