މިސްކިތެއްގައި ”ޓިކްޓޮކް“ އެއް ކުޅުނު މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ، ”ޓިކްޓޮކް“ ކުޅެފައިވަނީ ރ. މީދޫ މިސްކިތެއްގެ ތެރޭގައިކަމަށެވެ. އަދި ”ޓިކްޓޮކް“ ކުޅެފައިވަނީ އެރަށަށް އީދު ޝޯވ ދޭން ގޮސްތިބި ގްރޫޕެއްގެ އަންހެން މެންބަރެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ. އެހެންނަމަވެސް އެކަމުގެ އިތުރު ތަފުސީލެއް ފުލުހުން ދީފައެއް ނުވެއެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ފަހަކަށް އައިސް ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު މެސެޖުތަކާއި ޕޯސްޓުތައް ކުރަމުންދާ މީހުން ދެނެގަނެ އެކަން ފުލުހުން ތަހުގީގު ކުރެއެވެ. މިއަދު ހެނދުނުވެސް ފުލުހުން ވަނީ އިސްލާމް ދީނަށް ފުރައްސާރަކޮށް އެކްސްގައި ފޭކް އެކައުންޓަކުން މެސެޖުތަކެއް ހިއްސާކުރަމުންދާތީ އެ މައްސަލަވެސް ބަލަން ފަށާފަ އެވެ.




