ދިވެހިރާއްޖެއާ އެމެރިކާއާއ ދެމެދު އިތުރު ދާއިރާތަކުން ގުޅުން ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފި އެވެ.
މި މަޝްވަރާތައް ކުރިޔަށް ގެންދެވީ މިހާރު ޚާރިޖީ ވަޒީރު މޫސާ ޒަމީރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ވޮޝިންޓަންގައި އެމެރިކާގެ ސެކްރެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން އާއި އެކު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
މި ބައްދަލުވުމުގައި ދެބޭފުޅުން ވަނީ ދޭދޭގުޅުން މައިގަނޑުގޮތެއްގައި ބިނާވެގެންވާ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރުމާގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. އެގޮތުން، ދިފާއީ އަދި ސަލާމަތީ ދާއިރާތަކުން އެއްބާރުލުން ދިނުމާއެކު، ޑިމޮކްރަސީ ޕްރޮމޯޓްކޮށް ހަރުދަނާކުރުމާމެދު މަޝްވަރާ ކުރައްވާފައިވެއެވެ. އަދި އިގުތިސާދު ކުރިއަރުވައި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި އެއްބާރުލުންދިނުމާމެދު މަޝްވަރާ ކުރައްވާފައި ވެއެވެ.

މި ބައްދަލުވުމުގައި ވަނީ، ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް އިތުރު ދާއިރާތަކުން އެއްބާރުލުން ފުޅާކުރެއްވުމަށް ދެބޭފުޅުން މަޝްވަރާ ކުަރައްވާފައި ވެއެވެ. އަދި ބައިނަލްއަގުވާމީ އުސޫލުތައް ދެމެހެއްޓުމާއި، ސަރަހައްދީ ހަމަޖެހުމާއި، ކަނޑުމަތީގެ ސަލާމަތާއި، ސުލްހަ ގާއިމުކުރުމަށް މަސައްކަތްކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށް ދެބޭފުޅުން އަލި އަޅުއްވާލައްވާފައި ވެއެވެ.
މި ބައްދަލުވުމުގައި ބްލިންކެން ވަނީ ވަރަށް ކާމިޔާބުކަމާއެކު ރާއްޖޭގައި ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިިލީހުގެ އިންތިޚާބު ކުރިޔަށްގެންގޮސްފައިވާތީ އެކަން ފާހަނގަކުރައްވާ ސަރުކާރަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި މޫސުމީ ބަދަލުތަކުން ދިމާވާ ކަންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކުގައްޔާއި، ދެމެހެއްޓެނިވިގޮތެއްގައި ތިމާވެށި ކުރިއެރުވުމަށް ދިވެހި ރާއްޖެއިން ބައިނަލްއަގުވާމީ މައިދާނުގައި އަދާ ކުރަމުންދާ އިސް ދައުރު ފާނހަގަކުރައްވާ ތައުރީފު ކުރައްވާފަ އެވެ.
ފޮރިން މިނިސްޓަރު ޒަމީރުގެ ވާހަކަފުޅުގައި، އެމެރިކާއިން ރާއްޖެއަށް ފޯރުކޮށްދޭ ތައުލީމީ ފުރުސަތުތަކުގެ މުހިންމުކަން ފާހަނގަކުރެއްވި އެވެ. އަދި ދިވެހިންނަށް އެމެރިކާގެ ވިސާގެ ޚިދުމަތް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެހިއްޖެނަމަ، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން އިތުރުކުރަން ފުރުސަތުލިބިގެންދާނެކަމަށެވެ. އަދި، އޭގެ ސަބަބުން ދެގައުމުގެ ޘަގާތް ތަޖުރިބާކޮށް ކުރިއެރުވުމުގެ ފުރުސަތު ލިބި، ފަތުރުވެރިކާމާއި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް ފުރުސަތުތައް ފަހިވެގެންދާނެކަމަށެވެ.
މި ބައްދަލުވުމުގައި ރާއްޖެއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަބްދުލް ޣަފޫރް މުހައްމަދު، ބައިލޭޓްރަލް ސެކެރެޓަރީ ޑރ. ހާލާ ހަމީދުއާއި ދިވެހި އިތުރު ޑިޕްލޮމޭޓުން ބައިވެރިވަޑައި ގެންނެވި އެވެ.




