ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ(ސްޓެލްކޯ) އިން މިއަދު ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް މިއަދު ކުރިޔަށްގެންގޮސްފި އެވެ.
ސްޓެލްކޯއިން ބުނީ، މިއީ މުޖުތަމައުގައި ލޭ ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ލޭ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގައި ޙިއްސާވުމަށް އެ ކުންފުނިން އިސްނަގައިގެން މޯލްޑިވިއަން ބްލަޑް ސާރވިސަސް(އެމްބީއެސް) އާއި ގުޅިގެން ކުރިޔަށް ގެންދިޔަ ޕްރޮގްރާމެއްކަމަށެވެ.
ސްޓެލްކޯއިން ބުނީ މި ޕްރޮގްރާމަށް މުވައްޒަފުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނުކަމަށާއި ޕްރޮގްރާމުގައި ލޭ ހަދިޔާ ކުރުމަށް 100 އާއި ގާތްކުރާ އަދަދަކަށް މުވައްޒަފުން ވޮލަންޓިއަރކޮށްފަ އިވާކަމަށެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހްމީ ވިދާޅުވީ އެކުންފުނީ މުވައްޒަފުން ހޮސްޕިޓަލްތަކާއި އަދި ލޭ ބޭނުންވާ އެހެންތަންތަނަށް ގޮސް އާންމުކޮށް ލޭ ހަދިޔާ ކުރަމުންދާކަމަށާއި، އެ މުވައްޒަފުންނަށް ހިތްވަރު ދިނުމުގެ ގޮތުން ކޮންމެ އަހަރަކުވެސް އެކުންފުނިން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ކުރިޔަށްގެން ނިންމާފައިވާކަމަށެވެ. އަދި އެގޮތަށް ނިންމެވީ މިކަމަކީ އެކުންފުނިތެރޭގައިވެސް ވަރަށް ބޮޑަށް ތަރުހީބު އޮންނަކަމަކަށްވާތީ ކަމަށެވެ.
މިފަދަ ދާއިރާތަކުން މުޖުތަމަޢުއަށް ޚިދުމަތްކުރުމުގައި އިސްނެގުމަކީ ކުންފުނީގެ މެނޭޖްމަންޓުން ވަރަށް އިސްކަންދޭ ކަމެއްކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ. އަދި، މުޖުތަމައުގެ ލާބައާއި މަންފާއަށް ކުރެވޭ މިފަދަ ކަންކަމުގައި އެ ކުންފުނީގެ މުވައްޒަފުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް ފާހަނގަކޮށް ކުންފުނީގެ މެނޭޖްމެންޓުންވަނީ ޝުކުރު ދަންނަވާފަ އެވެ.




