އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗް) ގައި ހައްޖު ފްލޫ ކްލިނިކެއް ގާއިމުކޮށްފި އެވެ.
އައިޖީއެމްއެޗްއިން ބުނީ، މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު، އެނބުރި ރާއްޖެ އައި ހުރިހައި ފަރާތްތަކަށް ޚާއްސަކޮށް ފްލޫ ކްލިނިކެއް އެ ހޮސްޕިޓަލުގައި ގާއިމުކުރެވިފައިވާކަމަށެވެ. އެ ކްލިނިކުން ދޭ ޚިދުމަތްތަކުގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުން ހިމެނޭކަމަށް އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.

މި ކްލިނިކްގެ ޚިދުމަތް ކޮންމެ ދުވަހެެއްގެ ހެނދުނު 08:00 އިން ރޭގަނޑު 08:00 އަށް އައިޖީއެމްއެޗްގެ ކޮންސަލްޓޭޝަން ރޫމް ނަނަބްރު 10 އިން ލިބޭނެ އިންތިޒާމުވަނީ ހަމަޖައްސާފަ އެވެ. އަދި، ކްލިނިކްގެ ޚިދުމަތްތަކާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ބޭނުންވާނަމަ 3335335 އަށް ގުޅާލުމަށް އައިޖީއެމްއެޗުން އެދިފައި ވެއެވެ.
ކޮންމެ އަހަރަކުވެސް ހައްޖު މޫސުމަށްފަހު، ރޯގާތައް ފެތުރެއެވެ. އަދި ހައްޖުން އަންނަ މީހުންވެސް ރޯގާއާއި ހުން ޖެހިގެން ޑޮކްޓަރަށް ދައްކަން ޖެހެއެވެ. މިކަމަށްޓަކައި ހޮސްޕިޓަލްތަކުން ޚާއްސަ އިސްކަމެއް އަބަދުވެސް ދެއެވެ.
މިއަަހަރު ހައްޖުން އައި ފަރާތެއް ވަނީ އިންވޭސިވް މެނިންގޯކޮކަލް ބައްޔަށް ފަރުވާދެމުން ދަނިކޮށް މަރުވެފައެވެ. މި ކޭސްއާ ގުޅިގެން ކަމާ ބެހޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިންގް ހަދާ، ކޮންޓެކްޓްވީ ފަރާތްތަކަށް މައުލޫމާތު ދީ، ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދޭން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ ފަށާފައެެވެ. އަދި މިއަހަރު ހައްޖަށްދިޔަ ފަރާތްތަކުގެ ތެރެއިން މެނިންޖައިޓިސް ވެކްސިން އެއްވެސް ސަބަބަކާހުރެ ނުޖެހޭ ފަރާތްތައް ނުވަތަ ވެކްސިން ޖެހުމަށްފަހު ފުރުމާ ދެމެދު 14 ދުވަސް ހަމަނުވާ ފަރާތްތަކުގެ ތެރެއިން މިބަލީގެ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އެދިފައި ވެއެވެ.



