މާލެ ސިޓީ، މާފަންނުގެ ގޯޅިއަކަށް ”ފަލަޞްޠީނު ހިނގުން“ ކިޔަން މާލެ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފި އެވެ.
ފަލަސްތީނާ ގުޅުވައި މާލޭގެ މަގަކަށް ނަމެއް ދިނުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ހުށައެޅުއްވީ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 146ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. މޭޔަރުގެ ހުށަހެޅުމާ އެއްގޮތަށް މިއަދު ބޭއްވި ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 151ވަނަ ރަސްމީ އާންމު ޖަލްސާގައި ވަނީ މާލޭގައި މިހާރު ނަންނުކިޔާ އޮތް ދެ މަގުގެ ތެރެއިން 1 މަގަށް ”ފަލަޞްޠީނު ހިނގުން“ މި ނަން ދިނުމަށް ފާސްކޮށްފަ އެވެ.
”ފަލަޞްޠީނު ހިނގުން“ ކިޔަން ފާސްކުރީ މާފަންނު ކޮޅުގައި އަލަށް ހަދާފައިވާ ގޯޅިއަކަށެވެ. އެއީ، މާފަންނު މަދަރުސާ ބިތްދޮށުގައި އޮންނަ ގޯޅިއެވެ. މިއަދުގެ ކައުންސިލްގެ މި ނިންމުމާއެކު، އެ ގޯޅި ފަލަޞްޠީނުގެ މީހުންގެ ހާލަތު ރަމްޒުކޮށްދޭ ފަދަގޮތަކަށް ހަދައި ގޯޅިއަށް ނަންދިނުމުގެ މަރުހަލާތައް ކުރިޔަށްގެންދަން ފަށާނެއެވެ.
މާލޭގެ މޭޔަރު މާލޭގެ މަގަކަށް ފަލަޞްޠީނުގެ ނަމުން ނަންދެއްވަން ބޭނުންފުޅުވީ، ސަރުކާރާއި ރައްޔިތުން ފަލަޞްޠީނުގެ ރައްޔިތުންނާއެކު ތިބިކަން ދޭހަކޮށްދިނުމަށާއި، ދިވެހިންގެ ހިތުގައި ފަލަޞްޠީނަށް އޮތް ޖާގަ ވަޒަންކޮށްދިނުމުގެ ގޮތުންނެވެ.



