ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ޙުސައިން މުޙައްމަދު ލަޠީފް ”އަސޭރިއާ ހޯމްސް އެންޑް ޓައުންހައުސަސް“ މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވައިފި އެވެ.
އަސޭރިއާ ހޯމްސް އެންޑް ޓައުންހައުސަސް“ މަޝްރޫއުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހަވީރު ހުޅުމާލެ ފޭސް 2ގައެވެ.
ހުޅުމާލޭ ފޭސްދޭއްގައި ނަވާރަހާސް އަކަމީޓަރަށްވުރެ ބޮޑު ސަރަޙައްދެއްގައި ހިންގާ މި މަޝްރޫޢަކީ، މަތީފަންތީގެ ޚިދުމަތްތަކާއެކު ގެދޮރު ތަރައްޤީކުރުމުގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން، ހުޅުމާލޭ ފޭސް 2ގެ އިރުއުތުރު ކަންމަތީގައި އޮންނަ މި ސަރަހައްދުގައި މަތީ ފަންތީގެ 3 ބާވަތެއްގެ ގެދޮރު ތަރައްޤީކުރާނެއެވެ. އޭގެ ތެރޭގައި ބީޗް ވިލާގެ ގޮތުގައި 37 ޔުނިޓް، ގާޑަން ވިލާގެ ގޮތުގައި 14 ޔުނިޓް އަދި އާބަން ވިލާގެ ގޮތުގައި 22 ޔުނިޓް ތަރައްޤީކުރުމަށް ވަނީ ނިންމާފަ އެވެ.
”އަސޭރިއާ ހޯމްސް އެންޑް ޓައުންހައުސަސް“ މަޝްރޫއުގެ މައްސައްކަތް 3 އަހަރުތެރޭގައި ނިންމާގޮތަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަވާލުކޮށްފައި ވަނީ ބެޗް ކޮންސްޓްރަކްޝަންސް ޕްރައިވެޓް ލިމިޓެޑާއެވެ.



