ފުލުހުންެގެ އިންޓެލިޖެންސުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ޖަލުތަކުގައި ތިބި ގައިދީންނަށް މަސްތުވާތަކެއްޗާއި ފޯނުތައް ވައްދައިދޭ ކަމަށް ތުހުމަތު ކުރެވޭ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 18 މުވައްޒަފެއްގެ އެކައުންޓްތަކަށް 27 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިކަން ހާމަކުރީ، މާފުށީ ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ފޯރުކޮށްދިނުމުގައި ކަރެކްޝަންސް އޮފިސަރުންތަކެއް ބައިވެރިވާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިޔަށް ގެންދާ އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް މިހާރު ކުރިޔަށްދާ ޕްރެސް ކޮންފަރެންސްގަ އެވެ.
މި ކޮންފަރެންސްގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، އިންޓެލިޖެންސުން ހިއްސާކުރި މައުލޫމާތުގެ އަލީގައި ހޯދި ހޯދުމުން، ކަރެކްޝަންސްގެ 18 މުވައްޒަފެއްގެ މައްސަލަތަކެއް ފާހަނގަ ކުރެވިފައިވާކަަމަށެވެ. އެގޮތުން އެފަރާތްތަކުގެ އެކައުންޓަށް އާދަޔާއި ޚިލާފަށް ފައިސާ ޖަމާވެފައި ހުރިކަން ފާހަނގަ ކުރެވިގެން ބެލިބެލުމުން އެމީހުންގެ އެކައުންޓްތަކަށް އެކިދުވަސްމަތިން 27.6 މިލިއަން ރުފިޔާ ޖަމާކޮށްފައިވާކަން އިންޓެލިޖެންސް ރިޕޯޓުން އެނގުނުކަމަށް ޝަރީފް ވިދާޅުވި އެވެ.
އެމީހުންގެ އެކައުންޓުގައި ހުރީ ފައިސާގެ ތަފުސީލަށް ބަލާއިރު، ޖަލުގައި މިހާރު ހައްޔަރުގައި ތިބި ގައިދީންގެ ފަރާތުން އެމީހުންގެ އެކައުންޓުން ޖަމާކުރި އަދި މާލޭގައި ކުށުގެ ވެށީގައި ހަރާކާތްތެރިވާ މީހުންގެ އެކައުންޓުތަކުން އެ މުވައްޒަފުންގެ އެކައުންޓްތަކަށް ޖަމާކުރި ފައިސާކަން ފާހަގަކުރެވިފައިވާކަމަށް އޭސީޕީ ވިދާޅުވި އެވެ.
ފުލުހުން މިހާރު ކުރިޔަށްދާ އޮޕަރޭޝަނުގައި މި ފައިސާ ޕްރިޒަންސް އޮފިސަރުންގެ އެކައުންޓުތަކަށް ޖަމާކޮށްދިން ފަރާތްތަށް ހޯދުމުގެ މަސައްކަތް ކުރިޔަށްދާއިރު ބައެއް އޮފިސަރުން މިހާރު ތިބީ ވަޒީފައިން އެކަހެރިކޮށްފަ އެވެ.
ތަހުގީގު ކުރަމުންދާ މައްސަލައިގަ ހިމެނެނީ މުޅިންވެސް ޖޫނިއާ ރޭންކްގެ މުވައްޒަފުންކަމަށާއި، އެ 18 މުވައްޒަފުންގެ ތެރެއިން 6 ފަރާތެއް އަމިއްލައަށް ކަރެކްޝަންސްގެ ވަޒީފާއިން މީގެކުރިން ވަކިވެފައިވާކަމަށްވެސް މިރޭ ޕްރެސް ކޮންފަރެންސްގައި ފުލުހުން ބުނެފައި ވެއެވެ.




