ޖަލުތަކަށް މަސްތުވާތަކެއްޗާއި ފޯނު ވެއްދުންފަދަ އަމަލުތައް ހިންގުމަށް ރިޝްވަތުގައި ހިފި ޕްރިޒަންސް އޮޕިސަރުންނަށް ގާނޫނުގެ ތެރެއިން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅުއްވާނެކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިރޭ ފުލުހުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، މަގާމާއި ހަވާލުވުވަޑައިގެންނެވުމަށްފަހު ޔުނިފޯމް އެޅި ތަންފީޒީ އިދާރާތަކާ ބައްދަލުކުރައްވައި ވަރަށް ސާފުކޮށް ބައެއް ވާހަކަތައް ދަންނަވާފައިވާނެކަމަށެވެ. އޭގެތެރޭގައި ހިމެނޭ އެއް ވާހަކައަކީ، މިއަދުގެ ސަރުކާރުގައި ޔުނިފޯމު އެޅި އެއްވެސް އޮފިސަރަކު އެބައެއްގެ ގާނޫނު ތަންފީޒުކުރުމުގެ ޒިންމާތަކުގެތެރޭގައި ފައިސާ ނަގައި، ފައިސާއަށްޓަކައި އެމީހާގެ ޔުނިފޯމު ވިއްކާލާ، އެފަދަ އަމަލެއް ހިންގައިފިނަމަ، އެ އަމަލު އެއްވެސް ޓޮލަރޭޓް ނުކުރާނެކަމުގެ ވާހަކަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ތަންފީޒީ އިދާރާތަކުގެ އޮފިސަރުންނާއި މިވާހަކަތައް ވަރަށް ސާފުކޮށް ހިއްސާކޮށްފައި ވަނިކޮށްވެސް ޖަލަށް ތަކުރާރުކޮށް މަސްތުވާތަކެތި ފެންނަމުންދާ މައްސަލައާ ގުޅިގެން އެކަމަށް ހައްލެއް ހޯދުމަށްޓަކައި މަގާމާއި ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ މަތިން، ޚާއްސަ މަސައްކަތްތަކެއް ކުރަން ފަށާފައިވާކަމަށެވެ.
”މި މަސައްކަތުގެ ދަށުން މީގެ ތިން މަހެއްހާ ކުރިން ފުލުހުންގެ އިންޓެލިޖެންސުން ވަނީ، އަޅުގަނޑާ ހިސާބަށް ގެނެސްފައި ޖަލުގެ އޮފިސަރުން ބައިވެރިވެގެން ގޮޅިތަކަށް މަސްތުވާތަކެއްޗާއި ފޯނުތައް ވެއްދުމުގެ ކަންތައްތައް ހިންގަމުންދާކަމަށް ޝައްކުކުރެވޭކަމަށް. މިކަމާއި ގުޅިގެން އެދުވަހުން ފެށިގެން ފުލުހުންގެ އިންޓެލިޖެންސުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ އަލީގައި އިއްޔެގެ ވަގުތެއްގައި ވަނީ އޭގެ ފައިންޑިންގްސްތައް އަޅުގަނޑާ ހިއްސާކޮށްފައި.“ މިނިސްޓަރު އިހުސާނު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އިންޓެލިޖެންސްގެ ހޯދުންތަކުގެ އަލީގައި ފުލުހުން މިރޭ މާފުށީ ޖަލުގައި ޚާއްސަ އޮޕަރޭޝަނެއް ފަށާފައި ވާކަމަށެވެ. އިންޓެލިޖެންސްގެ ހޯދުންތަކަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ، ކަރެކްޝަނަލް ސަރވިސްގެ 18 މުވައްޒަފެއްގެ އެކައުންޓަށް 2023 ވަނަ އަހަރު 73.6 މިލިއަން ރުފިޔާ ޖަމާވެފައި ހުރިކަން ފާހަނގަކުރެވިފައިވާއިރު، މީގެ ތެރެއިން އެއްފަރާތެއްގެ އެކައުންޓަށް 24 މިލިއަން ރުފިޔާ 1 އަހަރުތެރޭ ޖަމާވެފައިވާކަން އެނގިފައިވާކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ޕްރިޒަންސް އޮފިސަރުން އެކުރީ ގާނޫނީ ކުށެއްކަމަށާއި، ވަކިން ޚާއްސަކޮށް ވަކި މިންވަރެއްގެ އިތުބާރު ދައުލަތުން އެބަޔަކަށް ދީފައިވާ ޔުނިފޯމު އެޅި މުައައްސަސާއެްގެ މުވައްޒަފުންނަށް ރިޝްވަތު ހުށަހެޅުމާއި އަދި ރިޝްވަތުގައި ހިފުމަކީ ކުށެއްކަމަށެވެ. އެހެންކަމުން ރިޝްވަތު ހުށަހެޅި މީހުންނާއި ރިޝްވަތުގަ ހިފި މީހުންނާ ދޭތެރެ ގާނޫނުގެ ތެރެއިން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
”ދިވެހި ރައްޔިތުން… އަޅުގަނޑުމެން ޚާއްސަކޮށް ޔުނިފޯމް އެޅި ފަރާތްތަކަށް ކުރަނީ އާދަޔާ ޚިލާފު އިތުބާރެއް. ދިވެހި ސަރުކާރާ އަޅުގަނޑުމެން ހަވާލުވެފަ ރައީސް ޑރ. މުއިއްޒުގެ ފަރާތުން އަޅުގަނޑުވާނެ ވަކި ވަކިން ޔުނިފޯމް އެޅި 4 މުއައްސަސާއާ ބައްދަލުކޮށްފަ، މިފަދަ ކަމަކާ ކައިރި ނުވާން ތަކުރާރުކޮށަް ނަސޭހަތް ދީފައި. އަޅުގަނޑުމެން މިއަހަރު ފާހަނގަކުރެވޭ ފަރާތްތައްވެސް ތަހުގީގު ކުރާނަން. މިދިޔަ އަހަރުގެ މަސައްކަތުގެތެރޭގައި މިފަދަ ކަންކަން ކޮށްފަތިބި ފަރާތްވެސް ތަހުގީގުކުރާނަން. މި އެންމެންނާ ދޭތެރޭ ގާނޫނުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅާނަން.“ މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.
ޔުނިފޯމު އެޅި ފަރާތްތަކުން މިފަދަ އަމަލެއް ހިންގުމަކީ ކަންބޮޑުވާކަމެއްކަމަށާއި، އޮަޕަރޭޝަން ފެށުމާއެކު މައުލޫމާތު ވަގުތުން މިރޭ ހިއްސާކުރެއްވީ، މިކަމާއި ގުޅިގެން ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ފެތުރިގެން ހިނގައިދާނެތީ ވަގުތުވަގުތަށް އޮޕަރޭޝަނުގެ ކަންކަން ކުރިޔަށްދާގޮތް ރައްޔިތުންނާ ހިއްސާކުރެއްވުމަކަމަށް މިނިސްޓަރު ވިދާޅުވި އެވެ.



