ޖަލަށް މަސްތުވާތަކެއްޗާއި ފޯނުފަދަ ތަކެތި ވައްދަން އެހީތެރިވެ، ރިޝްވަތު ހިފިކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 11 އޮފިސަރަކަު ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފި އެވެ.
ފުލުހުން މިހާރު ކުރިޔަށްގެންދާ އޮޕަރޭޝަންއާ ބެހޭ ގޮތުން އެންމެ ފަަހުން ބުނެފައިވަނީ، އެ އޮޕަރޭޝަންގައި ހައްޔަރު ކުރި 13 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، އޭގެ ތެރެއިން 2 މީހަކު 5 ދުވަހަށް އަދި 11 މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފައިވާކަމަށެވެ. އަދި، އެމައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަކަމަށެވެ.
ފުލުހުންގެ އިންޓެލިޖެންސުން ހޯދި ހޯދުންތަކުން، ޖަލަށް މަސްތުވާތަކެއްޗާއި ފޯނުވެއްދުމުގައި ޝާމިލުވެ، އެކަމަށް ރިޝްވަތު ނެގި 18 މީހެއްގެ އެކައުންޓަށް 73.6 މިލިއަން ރުފިޔާ އެކި ފަހަރު މަތިން ޖަމާވެފައިވާއިރު، މިއިން އެކަކުގެ އެކައުންޓަށް 24 މިލިއަން ރުފިޔާ އެކި ފަހަރުމަތިން ޖަމާކޮށްފައި ވެއެވެ. އިންޓެލިޖެންސްގެ ހޯދުންތަކުގެ އެހީގައި ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ފަށާފައިވާއިރު 11 މީހުން މިހާތަނަށް ވަނީ ހައްޔަރުކޮށްފަ އެވެ. މީގެތެރެއިން 9 އޮފިސަރުން ހައްޔަރުކޮަށްފައިވަނީ ކ. މާފުށިންނެވެ. ދެންތިބި މީހުންގެ ހައްޔަރުކޮށްފައިވަނީ ކާށިދޫ އާއި ހއ އުތީމު އަދި މާލެއިންނެވެ.
ފުލުހުންގެ އޮޕަރޭޝަނާބެހޭ ގޮތުން މައުލޫމާތު ހިއްސާކުރުމަށް ފުލުހުންގެ ޚިދުމަތުން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހިސާނު ވިދާޅުވީ، ޖަލަށް ތަކެތި ވެއްދުމުގައި ޝާމިލުވެ ރިޝްވަތު ހިފި މީހުންގެ ތެރޭގައި 18 މީހުން ހިމެނޭ ކަމަށާއި، އޭގެ ތެރޭގައި ކަރެކްޝަނަލް ސަރވިސްގައި ކުރިން މަސައްކަތް ކުރި މީހުންވެސް ހިމެނޭކަމަށެވެ. އަދި އެމީހުން ވަކިވެފައި ތިއްބަސް އެމީހުންގެ މައްޗަށް ތަހުގީގު ހިންގާނެކަމަށާއި، އަދި މިހާރު ވަޒީފާގައި ދެމިތިބި މީހުންގެ މައްޗަށްވެސް ތަހުގީގު ހިންގައި ގާނޫނުގެ ތެރެއިން އެޅެން އޮތް އެންމެ ހަރުކަށި އަދަބެއް އެމީހުންނަށް އަޅާނެކަމަށް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.
މިނިސްޓަރު ވިދާޅުވެފައިވަނީ މި 18 މީހުންގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވަނީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީންނާއި، މާލޭގައި ކުށުގެ ވެށީގައި ހަރަކާތްތެރިވަމުން އަންނަ މީހުން ކަމަށެވެ. އެހެންކަމުން ޔުނިފޯމު އަޅައިގެން ތިބި ބަޔަކަށް ރިޝްވަތު ހުށަހެޅުމަކީ ކުށެއްކަމުން، އެކުށްކުރި މީހުންވެސް ހޯދައި ތަހުގީގު ހިންގާނެކަމަށް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.



