މާފުށި ޖަލުގައި އިއްޔެ ނިޔާވެފައި އޮއްވާ ފެނުނު މުހައްމަދު ޖަމީލަށް ޖިސްމާނީ އެއްވެސް އަނިޔާއެއްކޮށްފައި ނުވާކަމަށް ފުލުހުން ބުނެފި އެވެ.
މާފުށި ޖަލުގައި އިއްޔެ ނިޔާވެފައި އޮއްވާ ފެނުނު މުހައްމަދު ޖަމީލްގެ މަރުގެ މައުލޫމާތު، މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާ ކުރައްވަމުން ފުލުހުން ބުނީ، ތަހުގީގުން ބެލި ބެލުމުން ހަޑިގަނޑުގައި ފާހަނގަ ކުރެވޭ ނިޝާން ހުރި ނަމަވެސް، އެއީ، ޖިސްމާނީ ގޮތުން ދީފައިވާ އަނިޔާތަކެއްކަމަށް ގަބޫލެއް ނުކުރެވޭ ކަމަށެވެ. އަދި، އޭނާއަށް އެއްވެސް ފަރާތަކުން ގޯނާއެއް ކޮށްފައިވާކަން ތަހުގީގަށް އެނގިފައެއް ނެތްކަަމަށް ފުލުހުން ބުންޏެވެ. އަދި، އޭނާ މަރުވިރޭ އެންމެ ފަހުން ގޮޅިއަށް ވަތްފަހުން އިތުރު މީހަކު އެ ގޮޅިއަށް ވަދެފައި ނުވާކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ އޭނާގެ މަރާއި ގުޅިގެން އޭނާ ބަންދުކޮށްފައި ހުރި ސެލްއަށް ގޮސް މައުލޫމާތު އެއްކުރެވުނުކަމަށެވެ. އެގޮތުން ފޮރެންސިކުން އިއްޔެ 13:53 ގައި އެތަނަށް ގޮސް އެއްކުރެވުނު މައުލޫމާތަށް ބަލާއިރު، ޖަމީލު މަރުވެފައިވަނީ ސަޖިދައިގެ މަގާމުގައި ހަރަކާތް ހުއްޓިފައި އޮތް ކަމަށް ބެލެވޭކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ބެލި ބެލުމުން ޖަމީލުގެ އަނގައިންނާއި، އޭނާ އޮތް ތަނުން ހޮޑު ފަދަ ފޮރިން ބޮޑީސްތަކެއް ފެނުނު ކަމަށެވެ. އަދި ކުޑަކަމުވެސް ދެވިފައި އޮތް ކަމަށް ފުލުހުން ބުންޏެވެ. އޭނާ މަރުވެފައިވަނީ ހިތް ހުއްޓިގެންކަމަށް ބުނި ނަމަވެސް، އާންމު އުސޫލުން ހަށިގަނޑު އައިޖީއެމްއެޗަށް ގެނެސް ސީޓީ ސްކޭންއެއް ހެދި ކަމަށާއި، އަދި މިހާތަނަށް އޭގެ ރިޕޯޓް ލިބިފައި ނުވާކަމަށާއި އެ ލިބުމުން ވަގުތުން ހިއްސާ ކުރައްވާނެކަމަށް ފުލުހުން ވިދާޅުވި އެވެ.
އިއްޔެ މެންދުރު ފަހު ނިޔާވި ށ. ފުނަދޫ ޒަމާނީވިލާ މުހައްމަދު ޖަމީލު، 45، އަކީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދަން މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރި މީހެކެވެ. ކަރެކްޝަނުން ބުނާގޮތުގައި އަހްމަދު ޖަމީލު ނިޔާވީ ހިތް ހުއްޓިގެންނެވެ. ޖަމީލް މަރުވުމުން އޭނާއަށް އަނިޔާކޮށްފައިވާ ކަމުގެ ތުހުމަތުކޮށް އޭނާގެ އާއިލާއާއި އާންމު ފަރާތްތަކުން އަޑު އުފުލަން ފެށުމުން، ފުލުހުން އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ނިންމި އެވެ. އެހެންނަމަވެސް އޭނާގެ ޕޯސްޓު މޯޓަމް ހެދުމަށް އާއިލާއިން ދެކޮޅު ހެދުމުން ކަށުކަމާކެމީގެ ކަންތައް ނިންމައި ރޭ ފަތިސް ނަމާދަށްފަހު ވަނީ ވަޅުލައިފަ އެވެ.



