މީގެ ފަހުން ޖަލުގައި މަރުވާ ގައިދީންގެ ހަށިގަނޑު ފުލުހުންގެ ބެލުމުގެ ދަށުން ދޫކުރާނީ ފުރިހަމަ ޕޯސްޓްމޯޓަމްއެއް ހެދުމަށްފަހުގައި ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
މާފުށި ޖަލުގައި އިއްޔެ ނިޔާވެފައި އޮއްވާ ފެނުނު މުހައްމަދު ޖަމީލްގެ މަރުގެ މައުލޫމާތު ހިއްސާކުރުމަށް، ފުލުހުން މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، މިއަދުން ފެށިގެން ފުލުހުން އަމަލު ކުރާނެ އެއް ސިޔާސަތަކީ، ޖަލުގައި އެއްވެސް ހާލަތެއްގައި ނިޔާވާ އެއްވެސް ގައިދީއެއް ފުލުހުންގެ ބެލުމުގެ ދަށުން ދޫކުރާނީ ހަށިގަނޑުގެ ފުރިހަމަ ޕޯސްޓްމޯޓަމްއެއް ހެދުމަށް ފަހުގައި ކަމަށެވެ.
”އާއިލާއާ ހިސާބަށް އަޅުގަނޑުމެން ހަށިގަނޑު ހަވާލުކުރާނީ ޕޯސްޓްމޯޓަމް ހަދާފަ، އަޅުގަނޑުމެންނަށް އޭގެ ރިޕޯޓްތައް ލިބި މުައައްސަސާތަކަށް ފުރިހަމަޔަށް ޖަވާބުދާރީ ވެވޭވަރަށް ތައްޔާރުވެވުމުން“ އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މީގެކުރިންވެސް ގައިދީން ނަމާދުގައި އަދި ވަކިން ޚާއްސަކޮށް ސުޖޫދުގައި ވަރަށް ގިނަ އިރު ހޭދަކުރާކަން ފާހަަނގަކުރެވޭކަމަށާއި، އަޅުކަމުގައި ގައިދީން ތިބޭނަމަ ކަރެކްޝަންސް އޮފިސަރުން އެމީހުންނާ އަޅާ ނުލާކަމަށެވެ. އެހެންނަމަވެސް، ޖަމީލުގެ މަރާއި ގުޅިގެން ފެންމަތިވި މި މައްސަލައަށް ފަހު މިކަން ބަދަލުކުރަން ޖެހޭ ކަމަށް ފެނިވަޑައިގަންނަވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެންކަމުން މިއަދުން ފެށިގެން ކަރެކްޝަނަލް ސަރވިސްއިން އެއްގަޑިން އެއްގަޑިން ކޮންމެ ގައިދީއެއް ބަލާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
”އެއީ އަޅުކަމުގެ ހަރަކާތެއް ވިޔަސް ފުރާނަ ހުރިތޯ، ހަރަކާތް ހުރޭތޯ އެމީހާ އަޅުގަނޑުމެން ބަލާނަން.“ މިނިސްޓަރު ވިދާޅުވި އެވެ.
ޖަމީލުގެ މަރާއި ގުޅިގެން މިއަދު ފުލުހުން ބުނީ ތަހުގީގުން ބެލި ބެލުމުން އޭނާގެ ހަޑިގަނޑުގައި ބޭރުފުށުގައި ފާހަނގަ ކުރެވޭ ނިޝާންތަކެއް ހުރި ނަމަވެސް، އެއީ، ޖިސްމާނީ ގޮތުން ދީފައިވާ އަނިޔާތަކެއްކަމަށް ގަބޫލެއް ނުކުރެވޭ ކަމަށެވެ. އަދި، އޭނާއަށް އެއްވެސް ފަރާތަކުން ގޯނާއެއް ކޮށްފައިވާކަން ތަހުގީގަށް އެނގިފައި ނުވާކަމަށް ފުލުހުން ބުނެފައި ވެއެވެ.
އިއްޔެ މެންދުރު ފަހު ނިޔާވީ ށ. ފުނަދޫ ޒަމާނީވިލާ މުހައްމަދު ޖަމީލު، 45، އަކީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދަން މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރި މީހެކެވެ. ކަރެކްޝަނުން ބުނާގޮތުގައި އަހްމަދު ޖަމީލު ނިޔާވީ ހިތް ހުއްޓިގެންނެވެ. ޖަމީލް މަރުވުމުން އޭނާއަށް އަނިޔާކޮށްފައިވާ ކަމުގެ ތުހުމަތުކޮށް އޭނާގެ އާއިލާއާއި އާންމު ފަރާތްތަކުން އަޑު އުފުލަން ފެށުމުން، ފުލުހުން އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ނިންމި އެވެ. އެހެންނަމަވެސް އޭނާގެ ޕޯސްޓު މޯޓަމް ހެދުމަށް އާއިލާއިން ދެކޮޅު ހެދުމުން ކަށުކަމާކެމީގެ ކަންތައް ނިންމައި ރޭ ފަތިސް ނަމާދަށްފަހު ވަނީ ވަޅުލައިފަ އެވެ.




